މަސްތުވާތަކެއްޗާ އެކު 25 އަހަރުން ދަށުގެ ހަތަރު ޒުވާނުން ހައްޔަރުކޮށްފި
މާލެ ސިޓީން، ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު 25 އަހަރުން ދަށުގެ ހަތަރު ޒުވާނުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، މާލެގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ)، އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ)، އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން (25އ)ގެ އިތުރުން، ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި (21އ) ކަމަށެވެ.
ފުލުހުން ހިންގި މިއޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 377.39 ގްރާމް ހުންނާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މޫސާ ޝަހީމް އާއި ޙުސައިން ޝަރުވާން އަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ނިޝާ ރައި އަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މިމައްސަލާގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަދަނީ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަހުގީގުކުރަމުންނެވެ.

