ހެނދުނުގެ ނާސްތާގައި މި މޭވާތައް ހިމަނަންވީ މިހެންވެ
މޭވާއަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ކޮށްދޭ ބާވަތެއްކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ދުވަސް ފަށާއިރު ކެއުމަށް އެންމެ ރަނގަޅީ ކޮން މޭވާތަކެއްކަން އެނގުން ވަރަށް މުހިންމެވެ. އެއީ މުޅި ދުވަހަށް ބޭނުންވާ ހަކަތަ ވެސް ބޭނުންވާތީއެވެ.
ސްޕޯޓްސް ނިއުޓްރިޝަނިސްޓް، ޑރ. މޯގަން ވޯކާ ބުނީ ހެނދުނުގެ ނާސްތާގައި ހިމެނުމަށް އެންމެ ފައިދާހުރި މޭވާއަކީ ބެރީސް ކަމަށެވެ. އެއީ ފައިބާ މަތިވުމާއި އެންޓިއޮކްސައިޑް ހުރުމާއި، ހަކުރު މަދު މޭވާއަކަށްވުމުންނެވެ. އެހެންކަމުން ސްމޫތީއެއް ހަދާލައިގެން ވިޔަސް، އަދި އޯޓްމީލާ އެކީ ވެސް އެންމެ ރަނގަޅީ ކޮންމެވެސް ވައްތަރެއްގެ ބެރީއެކެވެ. އޭގެ ތެރޭގައި ސްޓޯބެރީ އަދި ބްލޫބެރީ ހިމެނެއެވެ.
ޑރ. މޯގަން ފާހަގަކުރި ގޮތުގައި ދޮންކެޔޮ، އާފަލު ނުވަތަ ޕެއާސް އަދި ކިވީއަކީ ވެސް ހެނދުނުގެ ނާސްތާގައި ހިމަނާލެވޭނެ ފައިދާހުރި މޭވާތަކެއް ކަމަށެވެ. އެގޮތުން ދޮންކޭލަކީ ޕޮޓޭސިއަމް މަތި، ހަކަތަ ލިއްބައިދޭ ކާބްސް ހުންނަ މޭވާއެކެވެ. އާފަލާއި ޕެއާސްއަކީ ފެނާއި ފައިބާ އޭގައި ވަރަށް ބޮޑަށް އެކުލެވިގެންވާ ދެ މޭވާއެވެ. އޭގެ ސަބަބުން ބަނޑު އަވަހަށް ފުރި، ގިނައިން ކެއުން ހުއްޓުވައިދެއެވެ.
އޭގެ އިތުރުން ކިވީއަކީ ވިޓަމިން ސީ މަތިވެފައި، އިމިއުނިޓީއަށް ސަޕޯޓްކޮށްދީ ހަޖަމުގެ ނިޒާމަށް ވެސް ފަސޭހަކޮށްދޭ މޭވާއެކެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަކަށް ފައިބާ ވަރަށް ބޮޑަށް ބޭނުންވެއެވެ. އެގޮތުން ބަރުދަން ލުއިކޮށްދިނުމަށާއި، ކޮލެސްޓްރޯލް ދަށް ކުރުމަށާއި، ބަލިތަކުން ސަލާމަތްވުމަށާއި ބްލަޑް ޝުގާ ކޮންޓްރޯލް ކުރުމަށް ފައިބާ ވަރަށް މުހިންމެވެ.
އެހެންކަމުން ޑޮކްޓަރުން އެންމެ ބޮޑަށް ލަފާ ދެނީ ހާއްސަ ގޮތެއްގައި ހެނދުނުގެ ނާސްތާގައި ވީހާ ވެސް ފައިދާހުރި ކާނާ ކެއުމަށެވެ. އެންމެ ބޮޑަށް ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިބޭނީ މޭވާއިންނެވެ.

