ޑާކް ޗޮކްލެޓަކީ ފިރިހެނުންގެ މޫޑު ރަނގަޅުކޮށްދޭ އެއްޗެއް: ދިރާސާ
ގިނަ އަދަދަކަށް ކޮކޯ އެކުލެވިގެންވާ ޑާކް ޗޮކްލެޓަކީ އަޔަން އަދި މެގްނީސިއަމް ފަދަ މިނެރަލްސް އެކުލެވިގެންވާ އެއްޗެކެވެ. އާންމު ގޮތެއްގައި ކެއުމަށް މާ ފައިދާ ހުރި އެއްޗަކަށް ނުވިޔަސް، ބައެއް ކަންކަމުގައި އެއީ ފައިދާ ހުރި އެއްޗެކެވެ. ހާއްސަ ގޮތެއްގައި ފިރިހެނުންނަށް މިއީ ބައެއް ފައިދާތައް ލިއްބައިދޭ އެއްޗެކެވެ.
އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ ބަޔޯޓެކްނޮލޮޖީ އިންފޮމޭޝަންގައި ޝާއިރުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ޑާކް ޗޮކްލެޓަކީ ނޭނގި ނަމަވެސް ފިރިހެނުންގެ މޫޑު ބޫސްޓުކޮށްލާ އެއްޗެކެވެ.
އާންމުކޮށް ހުންނަ މިލްކު ޗޮކްލެޓްތަކަށްވުރެ ހިތި ރަހަދޭ މި ޗޮކްލެޓްގެ ކުޑަކުޑަ އެތިކޮޅެއް ކައިގެން ވެސް ފިރިހެނުންނަށް ހިތްހަމަޖެހުން ލިބޭ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން އެ ހިތްހަމަޖެހުމާ އެކު ފިރިހެނުންގެ ހަރަކާތްތައް ކުޑަވަގުތު ކޮޅަކަށް ހުއްޓިގެންދާއިރު، އެ ހުއްޓުމަކީ މޫޑު ބަދަލުކޮށްލާ ކަމެއް ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
އެހެންވާ ސަބަބެއްގެ ގޮތުގައި އެ ދިރާސާގައި ބަޔާންކޮށްފައި ވަނީ ޗޮކްލެޓުގައި ހިމެނޭ ކޮކޯ ފްލެވަނޮލްސްގެ ސަބަބުން ވެސްކިއުލާ ފަންގްޝަން (ސާކިއުލޭޓަރީ ސިސްޓަމްއަށް މުހިންމު ކަމެއް) ކުރުމަށް ފަސޭހަވެގެން ދިއުމާއި ކޮގްނިޓިވް ޕާފޯމަންސް ރަނގަޅުވެގެން ދިއުމެވެ. ކޮގްނިޓިވް ޕާފޯމަންސްއަކީ ސިކުނޑި ބޭނުންކޮށްގެން ވިސްނުމާއި، ކަންކަން ހަނދާނުގައި ބެހެއްޓުން ފަދަ ކަންކަން ދެނެގަންނަ ކަމެކެވެ.
އެ ދިރާސާގައިވާ ގޮތުން، ޑާކް ޗޮކްލެޓްގެ އެންމެ އެތިކޮޅެއް ކައިގެން ވެސް ފިރިހެނުންނަށް މިކަންކަން ހާސިލްވާން ފަސޭހަކޮށްދެއެވެ.
ނަމަވެސް މިއީ ވަގުތުން ނަތީޖާ ދައްކާނެ އެއްޗެއް ނޫނެވެ. ނަތީޖާ ފެންނަމުންދާނީ ވަރަށް މަޑުމަޑުންނެވެ. ކޮންމެ ދުވަހަކު ވެސް ޑާކްޗޮކްލެޓްގެ ކުޑަ އެތިކޮޅެއް ކާ ފިރިހެނުންގެ މެންޓަލް ގްރައުންޑަށާއި އިމޯޝަނަލް ކޮމްފޯޓް ލިފްޓްކޮށްދެއެވެ. އަދި އެމީހުންގެ ސްޓްރެސް ކުޑަކޮށްދީ، ކަންކަމަށް ފޯކަސް ހުންނަ މިންވަރު އިތުރުކޮށްދެއެވެ.
މި ދިރާސާގައި ބުނާގޮތުގައި، ކޮންމެ ފިރިހެނަކު ވެސް ދުވާލަކު އެއްފަހަރު ޑާކް ޗޮކްލެޓްކޮޅެއް ކާލަންޖެހެއެވެ. މިއީ ދުރު ރާސްތާގައި ވެސް އެމީހުންގެ ހަށިގަނޑަށް މުހިންމު އެއްޗެއް ކަމަށް އެ ދިރާސާގައިވެއެވެ.
