ބަނޑުގައި އުފެދޭ ގޭހުން ސަލާމަތްވާނެ ބައެއް ޓިޕްސް
ބްލޯޓިން ނުވަތަ ބަނޑުގައި ގޭސް އުފެދުމަކީ އެންމެ ތުއްތު ކުއްޖާއިން ފެށިގެން ކޮންމެ އުމުރުފުރާއެއްގެ މީހަކު ވެސް ކޮންމެ ވެސް އިރެއްގައި ތަހައްމަލްކުރަން ޖެހޭ ކަމެކެވެ. ބައެއް މީހުންނަށް އާންމު ކަމެކެވެ.
މިއީ ހަށިގަނޑަށް ނުރައްކާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް ބަނޑުގައި ގޭސް އުފެދުމުން ވަރަށް ގިނަ ތަކުލީފުތައް ތަހައްމަލްކުރަން ޖެހެއެވެ. މިކަމަށް ހާއްސަ ޑޮކްޓަރު ޕާލް މަނިކަމްއާ ހަވާލާދީ މި ކިޔައިދެނީ މިކަމުން ރައްކާތެރިވެވޭނެ ބައެއް ގޮތްތަވެ.
1. ލަސްލަހުން ، ކާތަކެތި ހަފައިގެން ކެއުން
އަވަސް އަވަހަށް ކެއުމަކީ ގިނައިން ކެއުމުގެ އިތުރުން ވައި ހަށިގަނޑުތެރެއަށްދާ ކަމެކެވެ. އޭގެ ސަބަބުން ކާތަކެތި ހަޖަމުވުމަށް އުނދަގޫވެ، ބަނޑުގައި ގޭސް އުފެދެއެވެ. ރަނގަޅަށް ނުހަފައި ކާތަކެތި ދިރުވުމުގެ ސަބަބުން ބަނޑާއި ގޮހޮރަށް ބާރުބޮޑުވެ، އެ ގުނަވަންތައް ފަންކްޝަން ކުރަން ހުރަހަކަށްވެއެވެ.
ލަސްލަހުން ކެއުމުގެ ސަބަބުން ކުޅާ ރަނގަޅަށް އެކުވެ، ހަޖަމުކުރާން ފަސޭހަވެގެންދެއެވެ.
2. ކުޅިކޮށް ނުކެއުން، ހަށިގަނޑަށް ގެއްލުންހުރި ކާތަކެތި ނުކެއުން
ގިނައިން ފެޓް ހުންނަ ކާތަކެއްޗާއި ހެވީ ސީޒަނިން (މަސާލާ ގިނަ، ކުޅި) ކެއުމުގެ ސަބަބުން ބަނޑު ހުސްކުރަން ވަރަށް އުނދަގޫވެއެވެ. އެހެން ވަނީ އަވަހަށް ބަނޑު ފުރުމާއި، ބަނޑަށް ތަދުވުން ފަދަ ކަންކަން މި ކެއުންތައް ކައިގެން މެދުވެރިވާތީއެވެ. އޭގެ ސަބަބުން ބަނޑުގައި ހުންނަ ޓިޝޫތަކަށް ވެސް ނޭދެވޭ އަސަރުކުރެއެވެ.
ތެލުލާފައި ހުންނަ ކާތަކެއްޗާއި، އެކިކަހަލަ ފިޒީ ޑްރިންކްސް އަދި ފޮނި ކާތަކެތި ކެއުން މަދުކޮށް ނުވަތަ ހުއްޓާލުމަށް ފަހު ސިއްހަތަށް ރަނގަޅު ހައިޕްރޮޓީން ހުންނަ ކެއުންތައް ކެއުމުން ބަނޑު ވަރަށް ބޮޑަށް ހަމަޖެހޭނެއެވެ.
3. ކެއުމަށް ފަހު ހިނގުން
ކެއުމަށް ފަހު ހިނގާލުމަކީ ކާތަކެތި ރަނގަޅަށް ހަޖަމްވުމަށް މަގުފަހިވާ ކަމެކެވެ. އަދި ބަނޑުގައި ތާށިވެފައި ހުންނަ ގޭސްތައް ބޭރުކޮށްލަން ވެސް ފަސޭހަކަމެކެވެ. ހިނގުމުގެ ސަބަބުން އެބްޑޮމިނަލް އަދި އިންޓެސްޓިނަލް މަސްތައް ހަމައަކަށް އެޅި، ގޭސް ބޭރުކުރަން މަގުފަހިކޮށްދެއެވެ. ކެއުމަށް ފަހު މަދުވެގެން 15 ވަރަކަށް މިނެޓު ހިނގާލަން ޑޮކްޓަރުން ލަފާދެއެވެ.

