ސަރުކާރު

ވަޒީފާ އަދާކުރާ ރިސޯޓާއި ކައިރިން ބޯހިޔާވަހިކަން ލިބޭނެ: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރަށްރަށުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުން، އެ ރަށަކާއި އެންމެ ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގައި ޒުވާނުން ހުށައެޅި ބައެއް ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާއާ ދުރުގައި ރިސޯޓުތަކުގައި ދިރިއުޅެން ޖެހުން ކަމަށެވެ.

ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް އެބަ ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެންދަނީ ޒުވާނުންނަށް. އެ ޒުވާނެއްގެ ޢާއިލާއާ ގާތުން ހައުސިންގ ހޯދުމުގެ ފުރުސަތު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ހައުސިންގ ޔުނިޓަކުން ވެސް ވަކި ޕަސެންޓެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ކުރުމަށް ނިންމައިފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް ޒުވާނުންނަށް އިސްކަންދެވޭ ގޮތަށް ޝަރުތު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް ޢާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.