ޑުރަގު އޮޕަރޭޝަންތަކުން ހާހެއްހާ މީހުން ހައްޔަރުކުރެވިއްޖެ: ފުލުހުން
މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހާހެއްހާ މީހުން ހައްޔަރުކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ޑުރަގު އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގެންފައެވެ.
އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 188 އޮޕަރޭޝަން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވެއެވެ.
މި މަސައްކަތްތަކުގެ ތެރެއިން 997 މީހުން ހައްޔަރުކޮށް، މަސްތުވާތަކެތި ބޭނުންކުރާ 11 ތަނެއް ބަންދުކޮށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބަލައިފާސްކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މި މުއްދަތުގެ ތެރޭގައި، 16,024 މީހުން ބަލައިފާސްކޮށްފައިވާއިރު، 137 ބިދޭސީއަކު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށް، ފަރުވާއަށް 301 މީހަކު އެންޑީއޭ އާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ނާކޮޓިކްސް ޑިޓެންޝަން އޮތޯރިޓީގެ ދަށުން 301 މީހުން ރިހެބިލިޓޭޝަނަށް ފޮނުވުމަށް ވެސް ވަނީ ރިމާންޑްކޮށްފައެވެ. އަދި 137 ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވައިލުމުގެ މަރުހަލާގައި އިމިގްރޭޝަންއާ ވަނީ ހަވާލުކޮށްފައެވެ.
މުޅި އަހަރުގެ ތެރޭގައި ޖުމުލަ 648 މައްސަލަ ތަހުގީގުކޮށްފައިވާއިރު، މީގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 335 މައްސަލަ ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ.
