ޚަބަރު

މި އަހަރުގެ މިހާތަނަށް ސައިބަރ ކްރައިމްގެ 814 މައްސަލައެއް ހުށަހެޅިފައިވޭ: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

މި އަހަރުގެ މިހާތަނަށް ސައިބަރ ކްރައިމްގެ 814 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ސްކޭމްގެ މައްސަލަތައް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް ޢައްބާސް ވިދާޅުވީ، ސައިބަރ ޑިޕާޓްމެންޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 10 އިންސައްތަ މައްސަލައަކީ، އެކައުންޓް ހެއްކުރުމާއި ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުގައި ހިމެނޭ އެކައުންޓްތަކާއި މޯބައިލް ފޯން ހެކްކުރުމުގެ މައްސަލަތައް ކަމަށެވެ. އަދި ބާކީ 10 އިންސައްތައަކީ އޮންލައިން ހަރާސްމެންޓް އަދި ބިރުދެއްކުން ކަމަށާއި ބަރަހަނާ މަންޒަރު ދައްކައި ބިރުދެއްކުމާއި ބްލެކްމެއިލާއި ޑިފެމޭޝަންގެ އިތުރުން ބުލީކުރުމުގެ މައްސަލަތައް ކަމަށް އަޒީފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލަތަކުގެ ތަފާސްހިސާބުތަކުން 66 އިންސައްތައަކީ ސްކޭމްއާއި މަކަރާއި ހީލަތުގެ މައްސަލަތައް ކަމަށާއި ސްކޭމްތަކަށް ބަލާއިރު އީ ކޮމާސްގެ ޒަރިއްޔާއިންނާއި ތަފާތު އެކި ވެބްސައިޓްތަކާއި ވިޔަފާރި ޕްލެޓްފޯމްތަކުގެ އިތުރުން ފޯނުކޯލުގެ ޒަރިއްޔާއިން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ވެސް އިންސްޕެކްޓަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

"މި މައްސަލަތަކުގެ އިތުރުން 13 އިންސައްތައިގެ މައްސަލަތަކަކީ ސައިބާ ކްރައިމާއި ގުޅުންހުރި ތަފާތު އެހެނިހެން މައްސަލަތައް. މި ވަގުތު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 111 މައްސަލައެއް ދަނީ ތަހުގީގުކުރަމުން." އަޒީފް ވިދާޅުވިއެވެ.

ހަމައެހެންމެ އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނަށް ޓާގެޓްކޮށްފައި ތަފާތު އެކިއެކި ކޮންފިޝެން ޕޭޖްތަކުގެ މައްސަލަތައް ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރެެއިން ތިން ޕޭޖެއް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް ވިދާޅުވިއެވެ.

Ads by Allied Insurance