ސަރުކާރު

ދިވެހީން ދިރުވި އެއްބައިވަންތަކަމުގެ ހަނދާން އައުކުރުމަށް ރައީސް ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --

ސުނާމީއަށް ފަހު ދިވެހީން ދިރުވި އެއްބައިވަންތަކަމުގެ ހަނދާން އައުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

Ads by STELCO

ދެހާސް ހަތަރުވަނަ އަހަރު ރާއްޖެއަށް ސުނާމީ އެރުމުގެ ހަނދާން އައުކުރުމުގެ ގޮތުން މިއަދު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ، ދިވެހީންގެ ގައުމީ ހަޔާތުން ފެންނާން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ވެސް އަޅުގަނޑުމެން އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ.

އެގޮތުން ސުނާމީގެ އުނދަގޫ ހާލަތުން އަރައިގަނެ، ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ގައުމު އަލުން އާރާސްތުކުރުމުގައި ވެސް އަޅުގަނޑުމެން މަސައްކަތްކުރީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވުމުގައި ކީރިތި ރަސޫލާގެ ހަދީސްފުޅުން އިބުރަތް ލިބިގަނެ، "އެއް ހަށިގަނޑެއްގެ" މިސާލުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ހަނދާން ކުރަންވީ ސުނާމީއަށް ފަހު އަޅުގަނޑުމެން ދިރުވި އެއްބައިވަންތަކަން. އެއްގައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާ އެކު އާރާސްތުކުރި ދިރިއުޅުން. އެކުވެރިކަމަކީ ގަދަފަދަ ބާރެއް." ރައީސް ވިދާޅުވިއެވެ.

އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހީންގެ ސަގާފަތާއި ދިރިއުޅުމާ ގުޅިފައިވާ ކަނޑުއުޅަނދެއްގައި ނަމަ، ދޯންޏެއްގެ އޭގެ ބަނދަރަށް ދަތުރުކުރުމަށް ޓަކައި ނުވަތަ ފެންމަތީ އޮތުމަށް ޓަކައި، އެ ދޯނީގެ މަޑޫތައް ރަނގަޅަށް ހަރުދަނާކޮށް ގުޅިފައި ހުންނަން ޖެހޭ ކަމަށެވެ. ހަމަ އެފަދައިން ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް ޓަކައި އެ ގައުމެއްގެ ހުރިހައި ފަރުދުންގެ އެއްބައިވަންތަކަން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!