ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ޔޫއެންޑީޕީން ފުލުހުންނަށް ހަދިޔާކޮށްފި
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ޔޫއެންޑީޕީން ފުލުހުންނަށް މިއަދު ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ހިދުމަތާއި ހަވާލުކުރި މިތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާ އެކު ފޯރުކޮށްދިން ތަކެތިކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މިއަދު ހަދިޔާކުރި ތަކެތީގެ އަގު 2.6 މިލިއަން ރުފިޔާއަށް އަރާއިރު އެ އެހީގެ ތެރޭގައި ފަސް ދާއިރާއަކުން 2,064 އައިޓަމް ފޯރުކޮށްދީފައިވެއެވެ.
އޭގެތެރޭގައި އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ އާއި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކިއުއިޕްމަންޓް (ޕީޕީއީ) ހިމެނެއެވެ.
މިއީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހަދިޔާކުރި ތަކެތިކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެގޮތުން ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫއުން ބޮޑު އިސްކަމެއް ދޭނެކަމަށް ވެސް ބުންޏެވެ.
