ދުނިޔެ

ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޚާލިދާ ޒިއާ

ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޚާލިދާ ޒިއާއަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ފަތިހު އަވަހާރަވެއްޖެއެވެ.

Ads by Creative Network

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޚާލިދާ އުޅުއްވީ ފުއްޕާމޭގެ އާލާސްކަންފުޅެއްގައެވެ. އޭރުއްސުރެ އެކަމަނާއަށް ގެންދެވީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭގެ ފަހުން ހާލުކޮޅު ގޯސްވެގެން އައިސީޔޫއަށް ބަދަލުކޮށްގެން ފަރުވާ ދެމުންދާތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ.

ބަނގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ޚާލިދާ އަވަހާރަވެފައި ވަނީ އުމުރުން 80 އަހަރުގައެވެ. އެކަމަނާ ވަނީ ތިން ދައުރު އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ.

އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު، ޝެއިހް ހަސީނާގެ ބޮޑުވަޒީރު ކަމުގައި، 2018ވަނަ އަހަރު ޚާލިދާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޖަލަށްލާން ވެސް ހުކުމްކުރިއެވެ. ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމުން ވެސް އޮތީ މަނާކޮށްފައެވެ.

ޚާލިދާ ޖަލުން މިނިވަންވެފައި ވަނީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވެއްޓުމުންނެވެ. އެ ވެރިކަން ވެއްޓުމުން، އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ޚާލިދާ އޮތީ ވިދާޅުވެފައެވެ.

Ads by Allied Insurance