ވިޔަފާރި

މި އަހަރުގެ ޓޫރިޒަމް އަމާޒު ،2.3މިލިއަނާ ގާތަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓް އާއިލާއަކަށް އިމިގްރޭޝަނުގެ އޮފިސަރަކު ހިދުމަތް ދެނީ / ފޮޓޯ:އިމިގްރޭޝަން

މި އަހަރު ޓޫރިސްޓުން ގެންނަން ސަރުކާރުން ކަނޑައެޅި ޓޫރިސްޓުންގެ އަމާޒު ހާސިލް ނުވި ނަމަވެސް އެ އަދަދާ ގާތަށް ޖެހިލައިފިއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން އަމާޒުކޮށްފައ ވަނީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް އަހަރު ނިމިގެންދިޔައިރު ރާއްޖެއަށް އައިސްފައި ވަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ. ގާތްގަނޑަކަށް 60،000 މި އަދަދު ހަމަވާން އަދި ބޭނުންވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 2,232,080 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު އައި 2,033,403 ޓޫރިސްޓުންނާ އަޅާބަލާއިރު 9.8 ޕަސެންޓް އިތުރުވުމެކެވެ.

މި އަހަރުގެ މިހައިތަނަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ ޓޫރިސްޓުންނެވެ. އެ ގައުމުން 329,006 ޓޫރިސްޓުން އައިސްފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާއިން 275,918 ޓޫރިސްޓުން އައިސްފައިވެއެވެ. އަދި ތިންވަނައަށް އައިސްފައި ވަނީ ޔޫކޭއިންނެވެ. އެ ގައުމުން 201,198 ޓޫރިސްޓުން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ޓޫރިޒަމަށް 5.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ. މިއީ މިދިޔައަހަރަށް ވުރެ 16 ޕަސެންޓުގެ އިތުރުވުމެކެވެ.