ޓޫރިސްޓުންގެ ހޭދަމަތިވެ، އާމްދަނީ 5.4 ބިލިއަން ޑޮލަރަށް އުފުލިއްޖެ
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުން ރާއްޖޭގައި ކުރި ހޭދަމަތިވެ، އާމްދަނީ 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އުފުލިއްޖެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނި ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ވަނީ 5.4 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 15.8 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޓޫރިޒަމް އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު އިތުރުވުމާއި، ދުވާލަކަށް ކުރާ ހޭދަ އިތުރުވުމެވެ. މީގެ އިތުރުން މިދިޔަ އަހަރު ޓޫރިސްޓުން އަންނަ މައިގަނޑު 10 މާކެޓުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމާއެކު ބެޑް ކެޕޭސިޓީވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި މިކަމަށް ބާރު ލިބިގެން ދަނީ އެ ކުންފުނިން މިދިޔަ އަހަރު އަހަރު ސޯޝަލް މީޑިއާ މާކެޓިން ވަރުގަދަކޮށް، ރާއްޖޭގެ ބްރޭންޑް މަގުބޫލުކުރުމަށް ކުރި މަސައްކަތް އަދި ޓޫރިޒަމް ސެކްޓާއިން ކުރި ބުރަ މަސައްކަތްތަކެވެ.
ވިޒިޓް މޯލްޑިވްސް ކުންފުނިން ބުނެފައިވާ ގޮތުގައި މި އަަހަރު ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ މާކެޓްގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

