ކައުންސިލް އިންތިހާބުގެ ފޯމު ހުށަހަޅާ ނިޒާމު ބަދަލެއް ނުކުރާނަން: އީސީ
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ހަމައެކަނި އޮންލައިންކޮށް ފޯމު ހުށަހަޅާ ގޮތަށް އޮތް އޮތުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
މީގެ ކުރީގައި ބޭއްވި އިންތިހާބުތަކާ ހިލާފަށް މިފަހަރު ކެނޑިޑެސީ ފޯމު ހުށަހެޅެނީ ހަމައެކަނި އޮންލައިންކޮށެވެ. ނަމަވެސް އެ ގޮތަށް އޮތުމަކީ އިންތިހާބީ ހައްގަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެ އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އީސީގެ ނައިބް ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވީ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 2،220އަށް ވުރެ ގިނަ ފޯމު، ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުށަހަޅާފައިވާ ކަމަށެވެ. އަދި، ފޯމު ހުށަހެޅި އެއްވެސް މީހަކު އެ ނިޒާމު އުނދަގޫވެގެން ޝަކުވާ ކޮށްފައި ނުވާ ކަމަށެވެ.
ސަލާހު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ކެނޑިޑޭޓުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ފަސޭހަކަމާ އެކު ކަށަވަރުކުރެވިގެންދާ ކަމަށެވެ. އަދި ފޯމުތަކަށް ޖަވާބުދިނުން ވެސް އަވަސްވެފައިވާ ކަމަށެވެ. އެހެންކަމުން މެނުއަލް ފޯމު ހުށަހެޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅާ މުއްދަތު 10 ދުވަހަށް އިތުރުކޮށްދިނުމަށް ވެސް އީސީގައި އެދިފައެވެ. ނަމަވެސް އެކަމަށް އީސީން ވަކި ޖަވާބެއް ނުދެއެވެ.


