ލޯކަލް ކައުންސިލް އިންތިޚާބު

އެމްޑީޕީއަށް އެންމެ ގިނަ ގޮނޑި މިފަހަރު ދިނީ ށަވިޔަނި އަތޮޅުން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، އިދިކޮޅު އެމްޑީޕީން މުޅި ރާއްޖެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އަތޮޅަކީ ށ. އަތޮޅެވެ. އެ އަތޮޅުގެ ޖުމްލަ 99 ގޮނޑީގެ ތެރެއިން 48 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މިއީ ރާއްޖޭގެ އެއްވެސް އަތޮޅަކުން އެ ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނު އަތޮޅެވެ.

މި ނަތީޖާއާއެކު ށ. އަތޮޅު ވެގެން ގޮސްފައިވަނީ މިފަހަރުގެ އިންތިޚާބުގައި އެންމެ ވާދަވެރި އެއް އަތޮޅަށެވެ. އެމްޑީޕީން އަތޮޅުގެ ގޮނޑިތަކުގެ %48.5 ކާމިޔާބުކުރިއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނީ 41 ގޮނޑި (%41.4) އެވެ. އަދި އަމިއްލަ ކެންޑިޑޭޓުން ވަނީ 10 ގޮނޑި ކާމިޔާބުކޮށްފައެވެ.

ރަށްރަށުގެ ކާމިޔާބީ: 8 ރަށެއްގެ ރައީސްކަން އެމްޑީޕީއަށް

ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 8 ރަށެއްގެ ކައުންސިލް ރައީސްކަން ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެ ރަށްތަކަކީ:

  • މީލަންދޫ، ފޯކައިދޫ، ކޮމަންޑޫ، ފޭދޫ، ޅައިމަގު، މާއުނގޫދޫ، ގޮއިދޫ، އަދި ނޫމަރާއެވެ.

މީގެ އިތުރުން އެމްޑީޕީން ވަނީ އަތޮޅުގެ 7 WDC ރައީސްކަމާއި، ކައުންސިލްގެ 7 މެންބަރު ގޮނޑިއާއި، އަންހެނުންނަށް ޚާއްސަ 7 ގޮނޑީގެ އިތުރުން WDC ގެ 19 މެންބަރު ގޮނޑި ކާމިޔާބުކޮށްފައެވެ.

ފޯކައިދޫ އާއި މީލަންދޫގެ ފާހަގަކޮށްލެވޭ ނަތީޖާ

ށ. ފޯކައިދޫއިން އެމްޑީޕީން ވަނީ އެ ރަށުގެ ހުރިހާ ގޮނޑިއެއް (7 ގޮނޑި) ކާމިޔާބުކޮށް "ކްލީން ސްވީޕެއް" ހަދާފައެވެ. އެ ރަށުގެ ރައީސްކަން އަޙްމަދު އަންވަރުކާމިޔާބުކުރެއްވީ 604 ވޯޓާއެކު %52.52 ގެ ތާއީދަކުންނެވެ.

އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ މީލަންދޫއިންވެސް އެމްޑީޕީން ވަނީ މުހިންމު ދެ މަގާމެއް ކާމިޔާބުކޮށްފައެވެ. އެގޮތުން ކައުންސިލް ރައީސްކަން އިބްރާހީމް ނިހާދު ކާމިޔާބުކުރެއްވީ 884 ވޯޓާއެކު (%53.61) އެވެ. މިއީ މުޅި އަތޮޅުންވެސް އެމްޑީޕީގެ ކެންޑިޑޭޓަކަށް ލިބުނު އެންމެ މަތީ ވޯޓު އަދަދެވެ. އަދި އެ ރަށުގެ WDC ރައީސްކަން ޢައިޝަތު ފަރީޝާ ކާމިޔާބުކުރެއްވީ 877 ވޯޓާއެކު %54.98 ގެ އަޣުލަބިއްޔަތަކުންނެވެ.

ޕީއެންސީ އާއި އަމިއްލަ ކެންޑިޑޭޓުންގެ ބާރު

އެމްޑީޕީގެ ކާމިޔާބީ ބޮޑުވި ނަމަވެސް، އަތޮޅުގެ ވެރިކަން ކުރާ ރަށް ށ. ފުނަދޫގެ ހުރިހާ ގޮނޑިއެއް (10 ގޮނޑި) ކާމިޔާބުކުރީ ޕީއެންސީންނެވެ. އަދި ނަރުދޫގެ 7 ގޮނޑީގެ ތެރެއިން 6 ގޮނޑި ޕީއެންސީން ނެގިއިރު، ފީވަކުން ފެނިގެންދިޔައީ އަމިއްލަ ކެންޑިޑޭޓުންގެ ވަރުގަދަ ބާރެވެ. އެ ރަށުގެ 7 ގޮނޑީގެ ތެރެއިން 6 ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓުންނެވެ.

ގައުމީ ފެންވަރުގައި ޕީއެންސީން 554 ގޮނޑިއާއެކު ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވާއިރު، ށ. އަތޮޅުން އެމްޑީޕީން ދެއްކި ސާބިތުކަމާއި، ހއ. އަތޮޅުން (43 ގޮނޑި)، ނ. އަތޮޅުން (42 ގޮނޑި) އަދި ރ. އަތޮޅުން (42 ގޮނޑި) ހޯދި ނަތީޖާއިން ހާމަވަނީ، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި އަދިވެސް އެމްޑީޕީގެ ތާއީދު ވަރަށް ބޮޑުކަމެވެ.

Ads by Allied Insurance