ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ގިނަ ބަޔަކަށް ފެންނަކަމަށް ދިހަ ހާސް މީހުން ވޯޓްލީ ޕޯލަކުން ދައްކައިފި
ރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށް "ނިންމުން26" ގެ ފަރާތުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޚާއްޞަ ޕޯލްގެ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ ތެރެއިން އޣުލަބިއްޔަތު މީހުން އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާއީދުކޮށްފިއެވެ.
ދިވެހިރާއްޖޭގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ އެންމެ ބޮޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ފެނޭތޯ ބެލުމުގެ މަޤުޞަދުގައި "ނިންމުން26" އިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕޯލަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިގޮތުން، މި ޕޯލްގައި ޖުމްލަ 9،565 މީހުން ވަނީ އެމީހުންނަށް ފެންނަ ގޮތް ހާމަކޮށް ވޯޓުލާފައެވެ. މިއީ އާންމު މައްސަލައަކާ ގުޅޭގޮތުން ދިވެހިންގެ މެދުގައި މިފަހުން ނެގުނު އެންމެ ފާހަގަކޮށްލެވޭ އެއް ޕޯލެވެ.
މި ޕޯލްގެ ނަތީޖާގެ ތަފާސްހިސާބުތަކަށް ވަކިވަކިން ބަލާއިރު، ވޯޓުލީ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވަނީ ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށް ފެންނަ ކަމަށް ވޯޓު ދީފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ފެންނަ ކަމަށް 5،223 މީހުން ވަނީ ވޯޓު ދީފައެވެ. އެއީ ޕޯލްގައި ބައިވެރިވި ޖުމްލަ މީހުންގެ ނިސްބަތުން ބަލާނަމަ 54.6 އިންސައްތައެވެ. މިއީ މުޅި ޕޯލްގެ ސާފު އަޣުލަބިއްޔަތެވެ.
އަނެއްކޮޅުން، މި ދެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 45.4 އިންސައްތަ މީހުންނެވެ. އެއީ ޖުމްލަ 4،342 މީހުންނެވެ. މި ނަތީޖާއިން ދައްކާ ގޮތުގައި، ދެ އިންތިޚާބު ކުރިންވެސް އޮންނަ ގޮތަށް ވަކިން ބޭއްވުމަށް ތާއީދުކުރާ މީހުންނަށް ވުރެ، އެއްކޮށް އެއް ދުވަހަކު ބޭއްވުމަށް ތާއީދުކުރާ މީހުންގެ އަދަދު ވަނީ 881 ވޯޓުން ކުރި ހޯދާފައެވެ.
"ނިންމުން26" ގެ މި ޕޯލްގައި ޖުމްލަ ނުވަހާހަށްވުރެ ގިނަ މީހުން ބައިވެރިވުމަކީ ރައްޔިތުންގެ މެދުގައި މި މައްސަލައަށް އޮތް ޝައުޤުވެރިކަން ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެކެވެ. ޕޯލްގެ ނަތީޖާއިން އަޣުލަބިއްޔަތު ލިބުނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ކަމަށްވީ ނަމަވެސް، ނުފެންނަ ކަމަށް ވޯޓުލީ މީހުންގެ ނިސްބަތްވެސް 45 އިންސައްތައިގައި ހުރުމުން، މިއީ އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި މައުޟޫޢެއްކަންވެސް ނަތީޖާއިން ސާފުވެގެން ދެއެވެ.
އިންތިޚާބުތައް އެއްކޮށް ބޭއްވުމަކީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވިދާނެ ކަމެއް ކަމަށް އާންމުކޮށް ބައެއް ފަރާތްތަކުން ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި، އާންމުންގެ ގިނަ ބަޔަކުވެސް މިކަމަށް ތާއީދުކުރާކަން މި ނަތީޖާއިން ކަށަވަރުވެއެވެ. ޖުމްލަ ގޮތެއްގައި މި ޕޯލުން އެންމެ ބޮޑަށް ސާފުވެގެންދިޔައީ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ކަމެވެ.
ނިންމުން26 އަކީ ދެން އޮންލައިންއާއި ކްރިއޭޓިވް ނެޓްވޯކް ގުޅިގެން އުފައްދާފައިވާ ޚާއްސަ ޕޯޓަލްއެކެވެ. މި ޕޯޓަލްގައި، އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ބައިވެރިންގެ ޕްރޮފައިލްތައް ވަނީ ޝާއިރުކޮށްފައެވެ،