ޚަބަރު ސިޔާސީ

މެންބަރުންނަށް ދައުވާ ކުރަނީ ބިރުދައްކަން: އެމްޑީޕީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މިރޭ އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން--

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އެމްޑީޕީގެ މެންބަރުންތަކަކަށް ދައުވާ ކުރަން އުޅެނީ މިމަހު ބާއްވަން އުޅޭ ބޮޑު މުޒާހަރާ ބޭއްވިއަނުދީ ބިރު ދައްކަން ކަމަށް އެޕާޓީން ބުނެފިއެވެ.

Ads by Allied

މައުރޫފްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ އަދި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

އެމީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 3، 2025ގެ ރޭ މާލޭގައި މުޒާހަރާ ކުރި މައްސަލައިގައެވެ. ފުލުހުން ތުހުމަތުކޮށްފައި ވަނީ އެމީހުން އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް، އަދި އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ އަދި ފުލުހުންގެ ދައުރަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.

އެމްޑީޕީން މިއަދު ބުނީ އެ މެންބަރުންނަށް ދައުވާ ކުރަން ފޮނުވުމަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމްއާ ދެކޮޅަށް އެ ޕާޓީން ބާއްވާ މުޒާހަރާގެ ބައިވެރިން މަދުކުރަން ހިންގާ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.

އެމްޑީޕީގެ ބޮޑު މުޒާހަރާއެއް ބާއްވަން މިންމާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އެ ޕާޓީން ބުނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އެއްވުމަކީވެސް ސުލްހަވެރި ސިޔާސީ އެއްވުމެއް ކަމަށް ބުންޏެވެ.