އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން 8 މީހަކަށް ދައުވާ ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އެމްޑީޕީގެ 8 މެންބަރުންނަށް ދައުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ދައުވާ ކޮށްފައި ވަނީ އޮކްޓޯބަރު 3، 2025ގެ ރޭ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް، އަދި އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ އަދި ފުލުހުންގެ ދައުރަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްފައި ވަނީ؛
- އަބްދުއްސަލާމް
- މުހައްމަދު ހަމާއިރު އަބްދުލްގަނީ
- އަލީ ނައުފަލް
- މައުރޫފް ޒާކިރު
- އައިޘަތު ނަޖުދާ އަލީ
- އަލީ މުއައްވަޒު
- ފާތިމަތު ޒަހިއްޔާ
- ހުސައިން ރަޝީދު
ޕީޖީ އޮފީހުން ބުނީ އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކަމަށެވެ.
އެމްޑީޕީން މިއަދު ބުނެފައި ވަނީ އެ މެންބަރުންނަށް ދައުވާ ކުރަނީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމްއާ ދެކޮޅަށް އެ ޕާޓީން ބާއްވާ މުޒާހަރާގެ ބައިވެރިން މަދުކުރަން ހިންގާ ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ.