ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރަން އުޅުނު ދެ ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަން އުޅުނު ދެ ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މާރިޗު މަހުގެ 30ވަނަ ދުވަހު ހުޅުމާލެއިން މާލެއަށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އެތެރެކުރަން އުޅެނިކޮށް، ސިނަމާލެ ބުރިޖު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ރާއްޖެއިން ޑީޕޯޓުކޮށްލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ޖާހިރު ހޮސައިން އަދި 36 އަހަރުގެ ސޮޖަން ސުލްތާން ނަމަކަށް ކިޔާ ދެ މީހުންނެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ، ހުޅުމާލޭގެ ކޮންޓެއިނަރ ޖެޓީ ސަރަހައްދުން ބަނގުރާ ބަރުކޮށްގެން މާލެއަށް ދަތުރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެ ދެ މީހުން ދަތުރުކުރި އުޅަނދު ބުރިޖު މަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުންގެ އަތުން 28 ފުޅި ބަނގުރާ ވަނީ ފެނިފައެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި މައްސަލައިގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އެންމެހާ އިޖުރާއަތްތައް ނިންމުމަށްފަހު، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބަދަލުކުރެވިފައެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗާއި ބަނގުރާ އާންމުވުން ހުއްޓުވައި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން އަންނަނީ މިފަދަ ގިނަ އޮޕަރޭޝަންތަކެއް ރާވައި، މެދުކެނޑުމެއްނެތި ހިންގަމުންނެވެ.

Ads by Allied Insurance