ޚަބަރު

ފުނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ށ. ފުނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ މާރިޗު މަހުގެ 29ވަނަ ދުވަހު ށ. ފުނަދޫގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ އަތޮޅު މިލަންދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުނަދޫ މަގުމަތިން ހުއްޓުވައި ފާސްކޮށްފައި ވަނީ ށ. މިލަންދޫ، ސަންލައިޓް، ޙުސައިން ޖަމީލު ކަމަށާއި އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ބާވަތެއް އަޅާފައިވާ 26 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ads by Allied Insurance