ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: ރީ- ރަޖިސްޓަރީވުމަށް މިއަދު ހުޅުވާލަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވޯޓުލުމަށް ކުރިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލުމަށް ނިންމައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 16ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވައިލާނެ ކަމަށެވެ. އަދި މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ 2024ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް ވެސް އީސީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ފަރާތްތައް ރަޖިސްޓަރީގައި އެ ފަރާތެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައި ވާނީ އެ ފަރާތުގެ ދާއިމީ އެޑްރެހަށްކަން ވެސް އީސީން ބުނެއެވެ.

އެހެންކަމުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ބެލޭނެ ކަމަށާއި އެ ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށް ވެސް ބެލިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި ރީ-ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން ހުށަހަޅާނީ އެ ކޮމިޝަންގެ ''މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އީސީން މަޢުލޫމާތުދެއެވެ.