މާލީގޮތުން ޤައުމު އަނދަވަޅަކަށް ވައްޓާލުމަށްފަހު ވޯޓު ހޯދަން ނިކުންނަން އެމްޑީޕީން ލަދުގަންނަންޖެހޭ: ޝަކީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުން ޤައުމަށް ވެފައިވާ ބޮޑު ޚިޔާނާތަށްފަހު ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާން އެ ޕާޓީން ލަދުގަންނަންޖެހޭނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ "އެކްސް"ގައި އޭނާ ޙިއްޞާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވާ ގޮތުން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެތައް ސަތޭކަ މިލިއަން ޑޮލަރަކުން ދައުލަތް ވަނީ ދަރުވާލާފައެވެ. އަދި އޭގެ ސަބަބުން އިޤުތިޞާދީ ގޮތުން ފުނޑުފުނޑުވެ، ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތް ޤައުމެއް ސަލާމަތުގެ އައްސޭރިއަށް ގެނެސްދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޝަކީލް ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ނުރައްކާތެރި މާލީ ޙާލަތަކަށް ޤައުމު ވައްޓާލި ބަޔަކު އަލުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ތާއީދަށް އެދުމަކީ ބޮޑުވެގެންވާ ލަދެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޝަކީލް މިފަދައިން ފާޑުވިދާޅުވެފައި މިވަނީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހިފައި އޮތް 500މިލިއަން ޑޮލަރުގެ ސުކޫކެއް ދިވެހި ސަރުކާރުން ދާދިފަހުން ދައްކައި ޚަލާޞްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދައުލަތުން ދާދިފަހުން ދައްކައި ނިންމި މި ބޮޑު ދަރަންޏަކީ 2021ވަނަ އަހަރު އޭރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. މިއީ އޭގެ ކުރީގެ ވެރިކަމެއްގައި ނަގާފައިވާ 250މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑު"ގެ ފައިސާ ދެއްކުމުގެ ބޭނުމުގައި އެމްޑީޕީ ސަރުކާރުން އުފެއްދި މާލީ އިލްތިޒާމެކެވެ.