ޚަބަރު

ވޯޓުލުމުގެ ވަގުތު ހަމަވެ، ކިޔޫގައި ތިބި މީހުން ވޯޓުލައި ނިމުމުން ފޮށިތައް ބަންދުކުރަން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ),

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުމުގެ ވަގުތު ހަމަވުމާ ގުޅިގެން، ކިޔޫގައި ތިބި ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ.

Ads by Allied

ހެނދުނު 8:00 ގައި ވޯޓުލުން ފެށި މި އިންތިޚާބުގެ ކިޔޫތައް ބަންދުކުރަން ކުރިން ހަމަޖެހިފައި އޮތީ ހަވީރު 4:00 ގައެވެ. އެހެންނަމަވެސް، ދުވާލުގެ ވަގުތުގައި އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ވޯޓުލާން ނުނިކުމެވުމާ އެކު، އީސީން ވަނީ ހަވީރު 5:00 އާ ހަމައަށް ވަގުތު އިތުރުކޮށްދީފައެވެ. އިތުރުކުރި ވަގުތު ހަމަވުމާ އެކު ކިޔޫތައް ބަންދުކޮށްފައިވާއިރު، ދެން އިތުރު ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ފޮށިތައް ބަންދުކުރަން ފަށާނީ ކިޔޫގައި އެވަގުތު ތިބި އެންމެން ވޯޓުލައި ނިމުމުންނެވެ.

ވޯޓުލާން ނުކުތް މީހުންގެ ނިސްބަތަށް ބަލާއިރު، ހަވީރު 4:00 އާ ހަމައަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 63 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. ވަގުތު އިތުރުކުރުމާ ގުޅިގެން ފަހުން ކިޔޫތަކަށް އެރި މީހުންނާއެކު، ޖުމްލަ ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތައަށްވުރެ މައްޗަށް އަރާނެކަމަށް ބެލެވެއެވެ.

Ads by Allied Insurance