އަނގައިން ލޭފައިބާފައި، ގެ އެއްގެ ދޮރުމައްޗަށް ވެއްޓި އޮތް މީހަކަށް ފަރުވާދޭން ފަށައިފި
މާލޭގެ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ކުރިމަތީގައި، އަނގައިން ލޭފައިބާފައި ހޭނެތިފައި އޮތް ބިދޭސީ ފިރިހެނަކު މިއަދު އިރުއޮއްސުނު ވަގުތު ފެނިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު އިރުއޮއްސި 6:18 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާ އެކު އެ ސަރަހައްދަށް ފުލުހުން ގޮސް، ހާލު ދެރަވެފައި އޮތް އެމީހާ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިހާރު އެމީހާއަށް އައިންޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.