ނަޝީދާއި ފައްޔާޒަށް ސަޕޯޓުކުރާކަމުގެ ތުހުމަތުގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުން ވަކިކޮށްފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާއީލަށް ތާއީދުކުރާކަމުގެ ތުހުމަތުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީގަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު މަޢުރޫފް މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކުރައްވައި މަޢުރޫފަށް ފޮނުއްވި ލިޔުމެއްގައި ވަނީ ވަގުތުން ފެށިގެން އޭނާ މަޤާމުން ދުރުކޮށްފައިވާކަން އަންގަވާފައެވެ. މި ފިޔަވަޅު އަޅާފައިމި ވަނީ، އެ ޕާޓީއަށް ދާދިފަހުން ލިބުނު ކާމިޔާބީތަކުގެ ޝަރަފު ހޯދުމަށް އިސްވެރިންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ފެކްޝަންތަކުގެ ކޯޅުން އަނެއްކާވެސް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
މި ވާދަވެރިކަމުގެ ތެރެއިން، ރޭ އެމްޑީޕީން ބޭއްވި އުފާފާޅުކުރުމުގެ އެއްވުމެއްގައި ރައީސް ނަޝީދާއި ފައްޔާޒަށް ވާހަކަފުޅުދެއްކެވުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. މިކަމާ ގުޅިގެން ހިތްހަމަނުޖެހުން އުފެދި، އެ ދެބޭފުޅުން ވަނީ އެ ޙަފްލާއަށް ވަޑައިގަތުމަށް އިންކާރުކުރައްވާފައެވެ.
އިސް ލީޑަރުންގެ ބައިވެރިވުން ކުޑަވުމުގެ ސަބަބުން، މާބޮޑު ޖޯޝެއް ނެތި ކުރިއަށްދިޔަ މި ޖަލްސާ އެންމެ ގަޑިއިރެއްގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، މި އެއްވުމުގެ ތެރެއިން ރައީސް ނަޝީދަށް ސަޕޯޓުކުރާ ފަރާތްތަކުން ވަނީ އެމަނިކުފާނު އެތަނުގައި ނެތީ ކީއްވެތޯ ސުވާލުކޮށް އަޑުގަދަކޮށްފައެވެ.