ޚަބަރު

އިމާރާތްކުރުމުގެ ސިނާއަތަށް ލުޔެއް: ސިމެންތި އެތެރެކުރާނެ އިތުރު 4 މާކެޓެއް ކަށަވަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާނެ ސިމެންތި އެތެރެކުރެވޭނެ އައު ހަތަރު މާކެޓެއް ކަށަވަރުކޮށްފައިވާކަން އިއުލާނުކުރައްވައިފިއެވެ.

Ads by Allied

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގުތިޞާދާ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިހާރު އާންމުކޮށް މުދާ ގެންނަ ފަރާތްތަކަށް ކޮންމެވެސް ސަބަބަކާ ހުރެ މުދާ ފޯރުކޮށްނު ދެވިއްޖެ ހާލަތެއްގައި، ބަދަލުގައި ބޭނުންކުރާނެ 4 ސަޕްލަޔަރެއް މިހާރު ވަނީ ތައްޔާރީ ހާލަތުގައި ކަމަށެވެ.

މީގެ އިތުރުން، އާންމުކޮށް ސިމެންތި އެތެރެކުރާ ގައުމުތަކުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް މިހާރުވެސް ރާއްޖެއަށް އެ މުދާ އެތެރެކުރަމުންދާކަން ވަޒީރު ޔަގީންކޮށްދެއްވިއެވެ. އަދި ހަމައެކަނި ސިމެންތީގެ ބަދަލުގައި، އިމާރާތްކުރުމަށް ބޭނުންވާ އެހެނިހެން ބާވަތްތައް ވެސް ރައްޔިތުންނަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ރޭވުމުގެ މަސައްކަތް ދައުލަތުން ކުރިއަށްގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ސިމެންތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމަށްފަހު، މިހާރު ވަނީ އަގުތައް ކޮންމެވެސް ވަރަކަށް ތިރިވާން ފަށާފައެވެ. އެގޮތުން، އާންމު ގޮތެއްގައި 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދު ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާޗު މަހު 250 ރުފިޔާއަށް އެރުމަށްފަހު، އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު މާލޭގެ ބާޒާރުގައި ވަނީ 300 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ. އެ ދުވަސްވަރު ވިލާ ކުންފުނިން މާލެއަށް ޑެލިވަރީކޮށްދިނީ ބަސްތާއެއް 313 ރުފިޔާއަށެވެ. އަދި ތިލަފުށިން ވިއްކާފައި ވަނީ 302 ރުފިޔާއަށެވެ.

Ads by Allied Insurance