ރައީސް ނަޝީދު ނުކުތީ އެމްޑީޕީއަށް އޮތް ތާއީދު ފެނިގެން، ޒަރިޔަންދަށް ލިބުނު ވޯޓަކީ ޔާމީނަށް ލިބުނު ވޯޓެއް ނޫން: ގަޕޯ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ,ލޯކަލް ކައުންސިލްގެ އިންތިޚާބަށް ނުކުތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް އޮތް ތާއީދު ފެނިގެން ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، އެމްޑީޕީގެ ކެންޕެއިން ކޮމިޓީގެ ފަރާތުން ރާއްޖޭގެ ބޮޑެތި ސިޓީއަކަށް ކެންޕެއިނަށް ދިއުމަށް ރައީސް ނަޝީދަށް ގުޅުއްވި ކަމަށާއި ނަމަވެސް، ރައީސް ނަޝީދު ޖަވާބުދެއްވީ އެ މަނިކުފާނު ނުދާނެ ކަމަށެވެ. އަދި ކެންޕެއިން ޓީމް އައްޑޫ ދަތުރު ނިންމާލެއްވުމަށް ފަހު އެނބުރި އައުމުން، އައްޑޫގެ ރައްޔިތުންގެ ކްރައުޑާއި ތާއީދު ފެނިވަޑައިގެން ރައީސް ނަޝީދު ކެމްޕެއިނަށް ނިކުންނެވީ ކަމަށް ގަޕޯ ވިދާޅުވިއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށާއި މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅުން ރައީސް ނަޝީދު އަރިހުގައި ކެންޕެއިނަށް ނިކުމެ ވަޑައިގަތުމަށް އާދޭސްކުރި ކަމަށާއި އެ މަނިކުފާނު ނިކުންނަށް ބޭނުންފުޅު ނުވި ކަމަށް މެންބަރު ގަޕޯ ވިދާޅުވިއެވެ.
ގަޕޯ ވަނީ ކައުންސިލް އިންތިޚާބުގައި ރައީސް ނަޝީދުގެ ޓީމުން އެމްޑީޕީއަށް ވޯޓް ނުދެއްވާކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ. އެގޮތުން ރައީސް ޔާމީންގެ ތާއީދުގައި މޭޔަރުކަމަށް ކުރިމަތިލެއްވި ޒަރިޔަންދަށް ލިބުނު ވޯޓަކީ ރައީސް ޔާމީނަށް ލިބުނު ވޯޓެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"މާލެއިން ޒަރިޔަންދަށް ލިބުނު ވޯޓަކީ ރައީސް ޔާމިނަށް ލިބުނު ވޯޓެއް ނޫން. އެކަން ހިނގައި ދިޔަގޮތް އެމްޑީޕީގެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގޭނެ." އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވިއެވެ.
އަދި މިއީ އެންމެ ބައިބައިވާންވީ ވަގުތު ނޫން ކަމަށާއި މިއީ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ގަޕޯ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބޭގޮތް ނުވުމުގެ ސަބަބުން އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ވަނީ ގަޕޯ މަޤާމުން ވަކިކުރުމަށް ގައުމީ މަޖިލީހަށް މައްސަލައެއް ވެސް ހަށަހަޅާފައެވެ. އަދި އަންނަ ހޯމަ ދުވަހު އެ މައްސަލައަށް ގޮތެއް ނިންމުމަށް ޖަލްސާއެއް ބޭއްވުމަށް ވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.