ޚަބަރު

މާލީ ހޭދަތައް ކުޑަކުރުމަށް އެމްޕީއެލްއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މާލެ ވިޔަފާރި ބަނދަރު / ފޮޓޯ:އެމްޕީއެލް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިމަހުގެ 7ވަނަ ދުވަހުން ފެށިގެން ޚަރަދު ކުޑަކުރުމުގެ މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށައިފިއެވެ.

Ads by Allied

އެ ކުންފުނިން ތަންފީޒުކުރަން ފެށި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށް ގެނައި ބަދަލެވެ. ކުރިން މެންދުރުފަހު 3:30 އާ ހަމައަށް އޮފީސްތަކުގައި މަސައްކަތްކުރި ނަމަވެސް، އަލަށް ގެނައި ބަދަލާ އެކު ރަސްމީ ގަޑިއަކީ މިހާރު ހެނދުނު 7:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ހަމައެއާ އެކު، އޮޕަރޭޝަނަލް ދާއިރާގައި ޝިފްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީތައް ވެސް ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން އަށް ގަޑިއިރަށްވުރެ ދިގު ނުވާނެހެން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުންފުނީގެ މާލީ ހާލަތު ހިފެހެއްޓުމަށްޓަކައި ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ވަނީ މަޑުޖައްސާލާފައެވެ. ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ބޭރުގެ ފަރާތްތަކުން ޚަރަދުދޭ ގޮތަށް ކުރާ ދަތުރުތަކުގައި ވެސް ކުންފުނިން އުފުލަންޖެހޭ މާލީ ބުރަ ވީހާވެސް ކުޑަކުރުމަށް ވަނީ އަންގާފައެވެ. އަދި ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އެކު ބާއްވާ ބައްދަލުވުންތަކާއި މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ވެސް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އެމްޕީއެލްއިން ވަނީ ކަނޑައަޅާފައެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މިމަހުގެ 15ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައި އޮތް 'މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް' ވެސް ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މީގެ އިތުރުން ވެސް، ކުންފުނީގެ އިމާރާތްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމަލީ ގޮތުން ފިޔަވަޅުތަކެއް އަޅައި، ކަރަންޓު އިސްރާފު ނުކުރުމަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

Ads by Allied Insurance