މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ކުޑަކުރުމަށް މަޓީއާއި ތެޔޮ ކުންފުނިތަކާ އެކު ސަރުކާރުން މަޝްވަރާކޮށްފި
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި، ކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އިސްވެ ހުންނަވައި، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނިތަކާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެނަމަ ޤައުމުގެ ހަކަތައިގެ ސިނާޢަތަށާއި ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ހުރަސްތައް ދެނެގަނެ، އެކަންކަމަށް ކުރިއާލައި ފިޔަވަޅުތަކެއް އެޅުމެވެ. އެގޮތުން، ތެޔޮ ފޯރުކޮށްދޭ ފަރާތްތަކާއި ރިސޯޓުތައް ހިންގާ ފަރާތްތަކަށް މިވަގުތު ހުރި ކަންބޮޑުވުންތައް މި މޭޒުމަތީގައި ވަނީ ޙިއްޞާކޮށްފައެވެ.
މި މަޝްވަރާތަކުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ޢަރަބި ޤައުމުތަކުގެ މަސްރަޙަށް އަންނަ ކޮންމެ ލޮޅުމަކީ ރާއްޖެ ފަދަ ތެލަށް ބަރޯސާވާ ޤައުމަކަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެކެވެ. އެހެންކަމުން، ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން މިފަދަ ދަނޑިވަޅެއްގައި ޚިޔާލު ބަދަލުކުރުމަކީ ކުރިމަތިވެދާނެ މައްސަލަތައް ޙައްލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ނާޒުކު ވަގުތުގައި ސަޕްލަޔަރުންނާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ބަދަލުކޮށް، ދުރާލައި ތައްޔާރުވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.