ރައީސް ޔާމީން އުޅުއްވަނީ އެމްޑީޕީ ވެރިކަމަށް ގެންނަވާ މާފުއްޓަށް ވަޑައިގަންނަވާ ހިތުން: ފަލާހު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އުޅުއްވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެރިކަމަށް ގެންނަވާ މާފުއްޓަށް ވަޑައިގަންނަވާ ހިތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫގެ ޕީއެންސީ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް، އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތްނަމަ ރައީސް ޔާމީން އަދިވެސް އޮންނަވާނީ މާފުށީ ޖަލުގައި ކަމަށާއި ރައީސް ޔާމީން މާފުށީ ޖަލުން ނެރެގެން ގެއަށް ގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯގާތެރިކަމުގެ ސަބަބުން ކަމަށް ފަލާހް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ހީވޭ އިނގޭތޯ އަނބިކަނބަލުން ކައިރީ އިންނަވާ ހިތް ނުވަނީހެން. ތިޔަ ބޭފުޅުންނަށް ހީވޭތޯ އަނބިކަނބަލުން ކައިރީ އިންނަވާ ހިތް ނުވަނީހެން؟" މެންބަރު ފަލާހް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ބޭނުންފުޅުވެ ލައްވާނަމަ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ބަދަލެއް ގެނެވޭނެ ސުޕަ މެޖޯރިޓީއެއް މަޖިލީހުގައި އޮންނާނެ ކަމަށާއި އެހެން ނަމަވެސް ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ފައިދާއާއި ލާބައަށް ވިސްނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސްއަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫންކަން ރައްޔިތުންނަށް މީހާރު ޔަޤީންވާނެ ކަމަށާއި ޖުޑިޝަރީ ވެސް މި ސަރުކާރުގައި އޮންނާނީ މިނިވަން ތަނެއްގެ ގޮތުގައިކަން މެންބަރު ފަލާހު ފާހަގަ ކުރެއްވިއެވެ.