ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ހެނދުނު ފެށޭނެ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ތެރެއިން ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވި ފަސް ދާއިރާއެއްގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ހެނދުނު ފެށުމަށް ތައްޔާރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބަޔާންކުރާ ގޮތުގައި، މި އިތުރު ބުރެއް ބާއްވަން ޖެހުނީ، ކުރިން ބޭއްވި އިންތިޚާބުގައި އިންތިޚާބުކުރަން ކަނޑައެޅިފައިވާ ޢަދަދަށްވުރެ ގިނަ ބޭފުޅުންނަށް ހަމަހަމައަށް ވޯޓު ލިބިފައިވުމުގެ ސަބަބުންނެވެ. މާދަމާ ހެނދުނު 8:00އިން ފެށިގެން ހަވީރު 4:00އާ ހަމައަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މިފަހަރުގެ އިންތިޚާބު އޮންނާނީ މައިގަނޑު ފަސް ސަރަޙައްދެއްގައެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިޚާބު އޮންނަ ބ. ދޮންފަނުގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއާއި، ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ހިމެނެއެވެ. އޭގެ އިތުރުން ޑަބްލިއުޑީސީ އިންތިޚާބު ބާއްވަނީ ހއ. ކެލާގެ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރަކު އިންތިޚާބު ކުރުމަށެވެ.
މި އިންތިޚާބާ ގުޅިގެން ކެމްޕެއިން ކުރުން މިއަދު އިރުއޮއްސި 6:00އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00އަށް ވަނީ މަނާކޮށްފައެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އާދިއްތަ ދުވަހު އިޢުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.