މާވަށުގެ އިންތިޚާބު ޕީއެންސީއިން ކާމިޔާބުކޮށްފި
މި މަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގެ ތެރެއިން ނަތީޖާ އެއްވަރުވުމުގެ ސަބަބުން ބޭއްވި ދެވަނަ ބުރުގައި ލ. މާވަށުގެ އިންތިޚާބު ވެރިކަންކުރާ ޕާޓީ ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.
މާވަށުގައި މިއަދު އޮތީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ނަތީޖާ އެއްވަރުވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެންޑިޑޭޓު ފާޠިމަތު ޝާފިޔާއާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ކެންޑިޑޭޓު މަރިޔަމް މާއިސާއާ ދެމެދު ބޭއްވި އިންތިޚާބެކެވެ.
މި އިންތިޚާބުގައި ތިން ފޮއްޓެއް ބަހައްޓައިފައި ވެއެވެ. އެއީ އެ ރަށުގައި ބެހެއްޓި ދެ ފޮއްޓާއި މާލޭގައި ބެހެއްޓި ފޮއްޓެވެ. މި ފޮށިތަކުގެ ނަތީޖާތަކަށް ބަލާއިރު މާވަށުގެ ދެ ފޮށިން ޝާފިއާ ވަނީ ކުރިހޯދާފައެވެ. މާލޭ ފޮށިން މާއިސާ މޮޅުވި ނަމަވެސް ޖުމްލަ ނަތީޖާއަށް ބަލާއިރު 17 ވޯޓުގެ ތަފާތަކުން ޝާފިއާ ވަނީ ކުރި ހޯދާފައެވެ.
އެހެންކަމުން މި ނަތީޖާއާ އެކު މާވަށުގެ 10 ގޮނޑީގެ ތެރެއިން 9 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕާޓީއަށް ގެއްލުނީ ކައުންސިލްގެ އާންމު ދެ ގޮނޑީގެ ތެރެއިން އެއްގޮނޑިއެވެ. މާވަށް ވެގެން ގޮސްފައި ވަނީ މި މަހުގެ 4ވަނަ ދުވަހު ނެގުނު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެންނަ، ނުފެންނަ ވޯޓް، ފެންނަކަމަށް މެޖޯރިޓީ ލިބުނު ހަމައެކަނި ރަަށަށެވެ.