ޚަބަރު

ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރު ވަމުން: ތަފާސް ހިސާބު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް އަންނަ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ޓޫރިޒަމް މިނިސްޓްރީން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރުގައި، ބޯޑަރު ހުޅުވާލެވުނު 15 ޖުލައި އިން 30 ޖުލައި އަށް ރާއްޖެއަށް 1،752 ފަތުރުވެރިން އައިސްފައި ވެއެވެ. އެވަރޭޖު ގޮތެއްގައި އެއީ ދުވާލެއްގެ މައްޗަށް 117 ފަތުރުވެރިންނެވެ.

އޯގަސްޓު މިހަގައި ޖުމުލަ 7،628 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، އެއީ ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް ބަލާނަމަ 246 މީހުންނެވެ. އަދި ހުސްވެދިޔަ، ސެޕްޓެމްބަރުމަހުގައި ޖުމުލަ 9،538 ފަތުރުވެރިން ރާއްޖެއަށް އައސްފައި ވާއިރު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް އައިސްފައިވަނީ 318 މީހުނެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފަސްވަނަ ދުވަހާ ހަމައަށް އެކަނި ވެސް ރާއްޖެއަށް މިހާރު 3،140 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް ބަލާނަމަ 628 ފަތުރުވެރިންނެވެ. މިއީ ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 80 އިންސައްތަ އިތުރުވުމެކެވެ. އެހެންނަމަވެސް ކޮވިޑު-19 ގެ ކުރިން ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދާއި އަޅާބާލާއިރުގައި އެވަރެޖު 90 އިންސައްތަ ދަށްވުމެކެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 22،007 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ޖުމްލަ 404،854 ޓޫރިސްޓުން އައިސްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެހެންކަމުން ޓޫރިޒަމް މިނިސްޓްރީގެ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ އިތުރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!