ފެބްރުއަރީ އާއި މާރޗް މަހާއި އެއްގޮތަށް، އެޕްރީލް މަހު ވެސް ތެލުގެ އައު ޝިޕްމެންޓްތައް އަންނާނެ: މާލީ ވަޒީރު
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، ރާއްޖޭގައި ތެލުގެ ސަޕްލަޔަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަޤީންކަން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުމުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީން ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު، މި އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ޖެޓް ފިއުލް ލިޓަރެއްގެ އަގު 1.99 ޑޮލަރުން 1.90 ޑޮލަރަށް ވަނީ ދަށްވެފައެވެ. އަދި މި ދަނޑިވަޅުގައި ވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ފޯރުކޮށްދެމުންދާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން އޭޕްރިލް 18 އަދި 24 ގައި ތެޔޮ ބަރުކޮށްގެން އުޅަނދުފަހަރު ރާއްޖެ އައިސްފައިވާއިރު، މި މަހުގެ 28 ވަނަ ދުވަހު ތެޔޮ ހިފައިގެން އިތުރު ބޯޓެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސާފުކޮށްފައިވާ ތެލުގެ އަގުތައް އަދިވެސް ހުރީ ހަމަނުޖެހުންތަކުގެ ކުރިން ހުރި މިންވަރަށް ވުރެ މަތީގައެވެ. މީގެ އިތުރުން މުދާ އުފުލުމުގެ ޚަރަދާއި، ސަޕްލަޔަރުން ނަގާ ޕްރީމިއަމް އަދި އިންޝުއަރެންސް ފަދަ ޚަރަދުތައް ވެސް ވަނީ ބޮޑުވެފައެވެ. އެހެންނަމަވެސް، ދުނިޔޭގެ ބާޒާރުގެ ހާލަތު ނުތަނަވަސްކޮށް އޮތް މި ދަނޑިވަޅުގައި ޖެޓް ފިއުލްގެ އަގު ދަށްވުމަކީ ލިބުނު އުއްމީދީ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ދަތިތަކެއް ހުރި ނަމަވެސް، އޭޕްރިލް މަހުގެ ތެރޭގައި ޑީސަލް، ޕެޓްރޯލް އަދި ކައްކާ ގޭސް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ވަނީ ކުރިއަށް ގޮސްފައެވެ.
ތެލުގެ އަގު ހެޔޮވުމަކީ ދަތުރުފަތުރުގެ ޚަރަދު ކުޑަވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް ބާރަކަށް ވާނެ ކަމަށް މިނިސްޓްރީން ދެކެއެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމަށާއި ދައުލަތަށް ލިބޭ އާމްދަނީއަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.