ޚަބަރު

ޖެޓް ފިއުލްގެ އަގު އުފުލުމާއެކު އިންޑިއާގެ ވައިގެ ދަތުރުތަކަށް ހުއްޓުމެއް އަތުވެދާނެކަމުގެ އިންޒާރު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދުނިޔޭގެ ބާޒާރުގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ އިންޑިއާގެ މައި އެއާލައިންތަކުގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު އެ ޤައުމުގެ ސަރުކާރަށް ދީފިއެވެ.

Ads by Allied

އިންޑިގޯ އާއި އެއާ އިންޑިއާ އަދި ސްޕައިސްޖެޓް ފަދަ ބޮޑެތި ކުންފުނިތައް ތަމްސީލުކުރާ ފެޑެރޭޝަން އޮފް އިންޑިއަން އެއާލައިންސް އިން ހާމަކުރި ގޮތުގައި، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުގެ ބޮޑު ބައެއް ތެލަށް ހޭދަކުރަންޖެހުމުގެ ސަބަބުން މިހާރު ވަނީ ވިޔަފާރި ކުރިއަށް ނުގެންދެވޭ ފަދަ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. އެހެންކަމުން، ތެލުން ނަގަމުންދާ 11އިންސައްތައިގެ ޑިއުޓީ ދެއްކުން ވަގުތީގޮތުން ފަސްކޮށްދިނުމަށް އެ ފަރާތުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ.

އެއާލައިންތަކުގެ އާންމު ޚަރަދުތަކުގެ 40އިންސައްތަ ހިއްސާކުރަނީ ސީދާ ތެލަށް ކުރާ ހޭދައެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް އޭޕްރީލް 26ވަނަ ދުވަހު ފޮނުވި ރަސްމީ ލިޔުމެއްގައި ބަޔާންކޮށްފައިވަނީ، ސަރުކާރުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކޮށްފިނަމަ، ޝެޑިއުލް ފްލައިޓުތައް ކެންސަލްކޮށް ދަތުރުތައް މެދުކަނޑާލުން ފިޔަވައި އިތުރު ގޮތެއް އެ ކުންފުނިތަކަށް ނޯންނާނެ ކަމަށެވެ.

ފާއިތުވި މަހުގެ ތެރޭގައި އެ ޤައުމުގެ ސަރުކާރުން ވަނީ ޖެޓް ފިއުލްގެ ޑިއުޓީ ބޮޑުތަނުން އިތުރުކޮށްފައެވެ. އެގޮތުން، ޤައުމުގެ އެތެރޭގެ އުދުހުންތަކަށް ލީޓަރަކުން 0.16އެމެރިކާ ޑޮލަރު ނަގަން ފަށާފައިވާއިރު، ބައިނަލްއަޤުވާމީ ދަތުރުތަކުން ނަގާ މިންވަރު ވަނީ ލީޓަރަކަށް 0.77އެމެރިކާ ޑޮލަރަށް އުފުލާފައެވެ. މި ބަދަލާއެކު މި ހިނގާ މަހު އެކަނިވެސް އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ކުންފުނިތަކުން ޝަކުވާކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލިފައިވަނީ، ފެބްރުއަރީ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަމަލާތަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، މުޅި ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް ބޮޑު ހުއްޓުމެއް އައިސް، މިދިޔަ ހަފްތާގައި ޖެޓް ފިއުލް ފީފާއެއްގެ އަގު ވަނީ ރެކޯޑް މިންވަރަކަށް، ނުވަތަ 179އެމެރިކާ ޑޮލަރަށް އަރާފައެވެ.

Ads by Allied Insurance