މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ދޫކުރާ މަރުކަޒުތައް ނުވަޔަކަށް އިތުރުކޮށްފި
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، ދިވެހި މަސްވެރިންނަށް ލުއިފަސޭހަގޮތެއްގައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން، އެ ޚިދުމަތް ލިބޭ ސަރަޙައްދުތަކުގެ އަދަދު ނުވަޔަކަށް އިތުރުކޮށްފައިވާކަން ސަރުކާރުން މިއަދު އިޢުލާނުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން މަސްވެރިންނަށް ޚާއްޞަ ރޭޓެއްގައި ތެޔޮ ދޫކުރަމުން އައީ ހަމައެކަނި ހަތަރު ސަރަޙައްދަކުން ކަމަށްވިޔަސް، މިހާރު އެ ޚިދުމަތް އިތުރު ފަސް ސަރަޙައްދަކަށް ފުޅާކޮށް، ޖުމްލަ ނުވަ ސަރަޙައްދަކުން ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ލައިސަންސް އޮންނަ ހުރިހާ މަސްދޯނިފަހަރަށް ފަސޭހައިން ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ބާރަށް ކުރިއަށްދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިމަހުގެ 14ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މ، ތ، އަދި ލ އަތޮޅުގެ މަސްވެރިންނަށްވެސް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމަކީ ހަމައެކަނި މަސްވެރި އާއިލާތަކަށް އޮތް ތަކްލީފެއް ނޫންކަމަށާއި، އޭގެ ސަބަބުން މުޅި އިޤުތިޞާދަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދޯނިފަހަރަށް މެދުކެނޑުމެއްނެތި ކަނޑަށް ނުކުމެވޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލެމުންދިޔަ ނަމަވެސް، މަސްވެރިންނަށް ޚާއްޞަ ރޭޓެއްގައި މިހާތަނަށް 1.1މިލިއަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، މަސް ގަންނަ ފަރާތްތަކާއި އެކްސްޕޯޓުކުރާ ކުންފުނިތަކަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް، ބޮޑު އަގުގައި ފްލައިޓުތަކުން ޖާގަ ހޯދައިގެންވިޔަސް ރާއްޖެއިން ބޭރަށް މަސް ފޮނުވުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުންފުނިތަކުން ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.