ޕީސީބީގެ އައު ރައީސަކަށް ތަޖުރިބާކާރު މުޙައްމަދު ނިޒާރު ހަމަޖައްސަވައިފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް ކޯޕަރޭޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މއ. ޔެލޯބެލް، މުޙައްމަދު ނިޒާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އެ ބޯޑުން މައުލޫމާތު ދީފައިވާ ގޮތުގައި، ކުރިން އެ މަޤާމު ފުރުއްވި ގއ. ދެއްވަދޫ، ދޭލިޔާގެ، އަނަސްގެ އިސްތިޢުފާ މިހާރު ވަނީ ރަސްމީކޮށް ޤަބޫލުކުރައްވާފައެވެ. އަދި އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޕީސީބީން ޝުކުރު އަދާކޮށްފައިވާއިރު، އަލަށް އެ ބޯޑާ ގުޅިވަޑައިގެންނެވި ނިޒާރަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މިއީ ނިޒާރު ޕީސީބީގެ އެންމެ އިސްވެރިޔާގެ ދައުރު އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާ ހަމައަށްވެސް އޭނާ ވަނީ މި މަޤާމު ކާމިޔާބުކަމާ އެކު ފުރުއްވައި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގަވަރނަންސް އޮނިގަނޑުތައް އެކުލަވާލުމުގައި ފާހަގަކޮށްލެވޭ ފަދަ އިސް ދައުރެއް އަދާކުރައްވާފައެވެ. ދައުލަތުގެ ކުންފުނިތައް މޮނިޓަރކުރުމާއި، ބައިނަލްއަޤުވާމީ ވިޔަފާރީގެ ރޮނގުން ތިރީސް އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ އޭނާ ވަނީ ހާސިލުކުރައްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ނިޒާރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރޒް ޑިގްރީ (އެމްބީއޭ) ފުރިހަމަކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ. ހަމައެހެންމެ، ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ފޯރަމްތަކާއި މަތީ ފަންތީގެ ތަމްރީނުތަކުގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.