ސިޔާސީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފައިސާ ނެތްކަމަށް ބުނުމުން މެންބަރުން ފަންޑު ހޯދަން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބު ބާއްވާނެ ފައިސާ ޕާޓީގެ ބަޖެޓުގައި ނެތްކަމަށް ވަގުތީ ޗެއަރޕާސަން ވިދާޅުވެ، އިންތިޚާބު ފަސްކުރުމަށް ހުށަހެޅުއްވުމާ ގުޅިގެން، ޕާޓީގެ އާންމު މެންބަރުން އިސްނަގައިގެން މީސްމީޑިއާގައި ފަންޑު ހޯދުމުގެ ހަރަކާތެއް ފަށައިފިއެވެ.

Ads by Allied

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ޕާޓީ ހިންގުމަށާއި އިންތިޚާބު ބޭއްވުމަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ޗެއަރޕާސަން އިންތިޚާބު ފަސްކޮށް، އޭގެ ބަދަލުގައި އެންމެ ފުރަތަމަ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް އޭނާ ވަނީ ލަފާދެއްވާފައެވެ.

ނަމަވެސް މި ހުށަހެޅުމަށް ޕާޓީގެ ބައެއް އިސް ފަރާތްތަކުންނާއި އާންމު މެންބަރުން ދަނީ ފާޑުކިޔަމުންނެވެ. ޗެއަރޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ އިންތިޚާބު ލަސްކުރުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ގައުމީ މަޖިލީހުން އެއްބަސްވާނަމަ ވަގުތީ ޗެއަރޕާސަންގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ ލީޑަރޝިޕުން ފައިސާ ނެތްކަމަށް ބުނުމާ އެކު، އާންމު މެންބަރުން ދަނީ މީސްމީޑިއާގައި ޕާޓީގެ ބޭންކް އެކައުންޓް ނަންބަރު ހިއްސާކޮށް، ޑިމޮކްރަސީގެ ހައްގުގައި ޕާޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނި ވެސް އެމްޑީޕީއަށް 8.45 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 2024ވަނަ އަހަރު އެ ޕާޓީއަށް ޖުމްލަ 17.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި އާންމުންގެ ފަރާތުން ދިން 2.27 މިލިއަން ރުފިޔާ ހިމެނެއެވެ. މި އަހަރު ފެށުނުއިރު 43،784 މެންބަރުން ތިބި މި ޕާޓީއަށް، އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް އާ މެންބަރުން އިތުރުވަމުންދާކަމަށް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by Allied Insurance