ޚަބަރު

މިއަހަރުގެ ދިވެހި ޙައްޖުވެރިންގެ އެންމެ އިސް ޝައިޚަކަށް ޑރ. އިލްޔާސް ޙުސައިން ހަމަޖައްސަވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހިރާއްޖެއިން މައްކާއަށް ވަޑައިގަންނަވާ ޙައްޖުވެރިންނަށް ދީނީ ގޮތުން މަގުދައްކަވައިދެއްވާ އިސް ޝައިޚެއްގެ މަޤާމަށް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން އައްޔަންކުރައްވައިފިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިޢުލާނުކުރައްވައިފިއެވެ.

Ads by Allied

އެ ވުޒާރާއިން މަޢުލޫމާތުދެއްވި ގޮތުގައި، ޑރ. އިލްޔާސްގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގައި ޤާއިމުކުރެވޭ ދިވެހި ޙައްޖު އޮފީހުގެ އެންމެ އިސްވެރިޔާގެ މަސްއޫލިއްޔަތުތައް ހަވާލުކުރައްވާފައި ވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްއާއެވެ. މިއަހަރުގެ މާތްވެގެންވާ އަޅުކަމަށް ފުރާ ދިވެހިންގެ ދަތުރުތައް ވެސް ކުރިއަށްދާނީ ސަޢުދީ ސަރުކާރުން ތަޢާރަފުކޮށްފައިވާ "މައްކާ ރޫޓް" ނިޒާމުގެ ތެރެއިންކަމަށް ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދެއްވައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޙައްޖާޖީންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދެއެވެ. އެގޮތުން، ޖިއްދާ އެއަރޕޯޓަށް ފޭބުމަށްފަހު، އިމިގްރޭޝަން ކްލިއަރެންސް ހެދުމަށާއި ފޮށިތަންމަތި ނެގުމަށް އިންތިޒާރުކުރަން ނުޖެހި، މަތިންދާބޯޓުން ފައިބާ ގޮތަށް ސީދާ އެބޭފުޅުން ތިއްބަވާ ހޮޓާތަކަށް ދިއުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ޙައްޖުވެރިންގެ ލަގެޖްތައް ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެއަރޕޯޓުން އެބޭފުޅުންނަށް ރަސްމީކޮށް މަރުޙަބާ ކިޔުމަށްވެސް ވަނީ ނިންމާފައެވެ.

Ads by Allied Insurance