ވިދާ ގުގުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ވިދާ ގުގުރުމުގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން މީސްމީޑިއާގެ "އެކްސް" ގައި އާންމުކުރި ބަޔާނެއްގައި ވަނީ، މި ނުރައްކާތެރި މޫސުމުގައި އަމަލުކުރަންވީ ގޮތުގެ މުހިންމު އިރުޝާދުތަކެއް ހިއްސާކޮށްފައެވެ. މިގޮތުން، ހާމައަށް ހުންނަ ސަރަހައްދުތަކަށާއި އިމާރާތްތަކުގެ ޓެރެސް ފަދަ އުސް ތަންތަނަށް ނޭރުމަށާއި، ބޭރުގައި އުޅޭ ވަގުތުތަކުގައި ގަސްގަހާގެހީގެ ދަށުގައްޔާއި އުސް ތަންތަނުގެ ނިވަލުގައި މަޑުނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނުތައް ބޭނުންކުރުން މަޑުޖައްސާލުމަށާއި، އެ ތަކެތި ކަރަންޓު ވިއުގަޔާ ގުޅިފައިވާނަމަ ނައްޓާލުމަށް ވެސް އެންޑީއެމްއޭއިން އެދިފައިވެއެވެ. އަދި މަގުމަތީގައި ފެންބޮޑުވެފައިވާ ހިސާބުތަކަށް ނުދިއުމަށާއި، ތެމިފައިވާ ތަކެއްޗާއި ދަގަނޑުން ހަދާފައިވާ ތަކެއްޗާ ދުރުގައި ތިބުމަކީވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކެއްކަން ފާހަގަކޮށްފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.