ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރި މުވައްޒަފުންނަށް ދޭ ޝަރަފުވެރި އިނާމަށް ކުރިމަތިލުމަށް ހުޅުވައިލަނީ
ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާ އެކު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި ހިނގާ މަހުގެ 6 ވާ ބުދަ ދުވަހު ރައީސް އޮފީހުން ހުޅުވައިލުމަށް ނިންމައިފިއެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން ބަލަހައްޓަވާ މި އިނާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ޖޫން މަހުގެ 11ވަނަ ދުވަހެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ފަހަރުގެ އިނާމަށް އެދި ހުށަހެޅޭނީ ހަމައެކަނި އެ އޮފީހުގެ ރަސްމީ އޮންލައިން ޕޯޓަލް ކަމަށްވާ "ފޯމު ހުށަހެޅުން" މެދުވެރިކޮށެވެ. އަދި މިއާ ގުޅޭ ފުރިހަމަ އުސޫލު ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވިގެންދާނެ ކަމަށް ވެސް އެ އޮފީހުން މަޢުލޫމާތުދެއެވެ.
މިއީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި މުވައްޒަފުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތްތަކާއި، އުފުލާފައިވާ މަސްއޫލިއްޔަތުތައް ފާހަގަކޮށް ޤައުމީ ފެންވަރުގައި ދެވޭ ވަރަށް މަތިވެރި ޝަރަފެކެވެ. މި އިނާމު ހާސިލުކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ޚާއްޞަ އައްޑަނައަކާއި، ޝަރަފުގެ ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެއް އެރުވޭނެއެވެ.