އާސަންދައިގެ ހަރަދުގެ 60 އިންސައްތަ ފާމަސީތަކަށް ދިޔަސް ބޭސް ލިބުން ދަތި: ޒީނިޔާ
އާސަންދަ ކުންފުނީގެ ޖުމްލަ ޚަރަދުގެ 60 އިންސައްތަ ބޭސްފިހާރަތަކަށް ކުރާކަމަށާއި، އެހެންނަމަވެސް ބޭސް ލިބުމުގައި އާންމުންނަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ޒީނިޔާ ފާހަގަ ކުރެއްވީ، އާސަންދައިގެ ދަށުން 3،000 އަށްވުރެ ގިނަ ބޭހަށް ކަވަރޭޖު ދިނުމަށްޓަކައި 800 އަށްވުރެ ގިނަ ބޭސްފިހާރަ ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ކަމަށް ބޮޑު ހޭދައެއް ކުރިކަމުގައިވިޔަސް ބޭސްސިޓީތަކަށް ބޭސް ނުލިބުމުގެ ޝަކުވާ އަކީ ހަގީގަތެއްކަން ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ބައެއް ފާމަސީތަކުން 500 އިންސައްތައާ ގާތްކުރާ މިންވަރަށް ބޮޑު ފައިދާއެއް ލައިގެން ބޭސް ވިއްކަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އާސަންދައިގެ ނިޒާމުގެ ތެރެއިން މަކަރާއި ހީލަތް ހެދުމުގެ ބައެއް މައްސަލަތަކަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ބަލިމީހާއަށް ކޮލިޓީ ދަށް ނުވަތަ އަގުހެޔޮ ބޭސް ދޫކުރުމަށްފަހު، އެންމެ އަގުބޮޑު ބޭހުގެ ބިލު އާސަންދައަށް ފޮނުވާކަން ވަނީ ފާހަގަކުރެވިފައެވެ. ޒީނިޔާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު ފަށާފައިވާ ބަލްކު ޕްރޮކިއުމަންޓުގެ ނިޒާމަކީ މުހިންމު ފިޔަވަޅެކެވެ.
ބޭސް ލިބުމުގެ ނިޒާމުގައި ހުރި އެހެނިހެން އުނިކަންތައްތަކުގެ ތެރޭގައި، ރާއްޖެއަށް އެތެރެނުކުރާ ގިނަ ބޭސްތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިސްޓުގައި ހިމެނުން ހިމެނެއެވެ. އަދި އަމިއްލަ ފަރުދުން ޕްރިސްކްރިޕްޝަނަށް އަތުން ބޭސް އެތެރެކުރާ މިންވަރު ގިނަވުމުގެ ސަބަބުން، މާކެޓުގައި ހުންނަ ބްރޭންޑުތައް އަވަސްއަވަހަށް ބަދަލުވަމުންދާތީ، ދާއިމީ ގޮތެއްގައި ބޭސް ލިބެން ހުންނަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަމަށް ވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
އަސާސީ ބޭސްތައް ފާމަސީތަކުން ލިބެން ހުންނަންޖެހޭނެ ކަމަށް އުސޫލުގައި އޮތް ނަމަވެސް އެކަން އެގޮތަށް ނުހިނގާތީ އާއި، ބޭސް ނުލިބުމުގެ މައްސަލައަކީ ގައުމީ ފެންވަރެއްގައި ހޯދައި ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއްކަމަށް ޒީނިޔާ ވަނީ ސިފަކުރައްވާފައެވެ.