ޚަބަރު

ދިވެހި ޙައްޖުވެރިންނަށް ފަސޭހަކުރުމަށް މައްކާގެ ހޮޓަލާއި މިނާގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

ފާއިތުވި އަހަރުތަކުގައި ދިވެހި ޙައްޖާޖީންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، މި އަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާއަށްދާ ފަރާތްތައް ތިބޭ ހޮޓަލުގެ ފެންވަރު ރަނގަޅުކޮށް މިނާގެ އިންތިޒާމުތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

Ads by Allied

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، ހޮޓަލުގެ އިމާރާތަށް ބޭނުންވާ މަރާމާތުތައް ކުރުމާ އެކު އައު ފަރުނީޗަރު ހޯދުމާއި، ބައެއް ސަރަޙައްދުތަކުގެ މުއްޗާއި ކާޕެޓު ބަދަލުކުރުމުގެ މަސައްކަތް އިމާރާތުގެ ވެރިފަރާތާ ގުޅިގެން ވަނީ ނިންމާފައެވެ. އަދި ހަމައެހެންމެ، މިއަހަރުގެ އަޅުކަމުގެ ތެރެއިން މިނާގައި ދިވެހިން މަޑުކުރާ ސަރަޙައްދުގެ ފާޚާނާގެ ޢަދަދު ހަތަރު ގުނައަށް އިތުރުކޮށްފައިވާއިރު، އެ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޓެންޓުތައް ބޭނުންކުރާނީ ހަމައެކަނި ދިވެހިންކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ދަރުސް ދިނުމަށް ބޭނުންކުރާ ދެ މާލަމަށްވެސް އެއްފަހަރާ ޕްރެޒެންޓޭޝަން ފެންނާނެހެން ވަނީ އިންތިޒާމު ހަމަޖައްސާފައެވެ. މީގެ އިތުރުން ވެސް، އަންނައުނު ދޮވުމަށް ބޭނުންކުރާ މެޝިނުގެ ޢަދަދު އިތުރުކުރުމާއި، ޙަރަމްފުޅާއި ހޮޓަލާ ދެމެދު ދަތުރުކުރުމަށް ޚާއްޞަ ބަގީގެ ޚިދުމަތް ފުޅާކޮށް މިހާރު ހަ ބަގީއެއް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދިވެހިރާއްޖެއިން ފުރަތަމަ ގުރޫޕު ފުރަން ހަމަޖެހިފައި ވަނީ މި ހިނގާ މަހުގެ 15ވަނަ ދުވަހުއެވެ.

Ads by Allied Insurance