Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މީޑިއާގެ ދާއިރާއަށް އިންޤިލާބެއް ގެންނެވި ސީއެންއެންގެ ބާނީ ޓެޑް ޓާނަރ އަވަހާރަވެއްޖެ

މީޑިއާގެ ދާއިރާއަށް އިންޤިލާބެއް ގެންނެވި ސީއެންއެންގެ ބާނީ ޓެޑް ޓާނަރ އަވަހާރަވެއްޖެ

އެމެރިކާގެ މަޝްހޫރު މަހުޖަނު އަދި ދުނިޔޭގެ މީޑިއާގެ ތާރީޚު މުޅިން ބަދަލުކޮށްލި ކޭބަލް ނިއުސް ނެޓްވޯކް (ސީއެންއެން)ގެ ބާނީ ޓެޑް ޓާނަރ އުމުރުފުޅުން 87އަހަރުގައި އަވަހާރަވެއްޖެއެވެ.

ޓާނަރ އަވަހާރަވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، "ލިއުވީ ބޮޑީ ޑިމެންޝިއާ"ކިޔާ ނާރުގެ ބޮޑު ބައްޔަކަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވިކަން 2018ވަނަ އަހަރު ވަނީ ހާމަކުރައްވާފައެވެ.

މެދުކެނޑުމެއްނެތި 24ގަޑިއިރު ޚަބަރު ފަތުރާ ފުރަތަމަ ޗެނަލްގެ ގޮތުގައި 1980ވަނަ އަހަރު ސީއެންއެން ވުޖޫދަށް ގެންނަވައި، އޭނާ ވަނީ މުވާޞަލާތީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެންނަވާފައެވެ. މީގެ އިތުރުން މުނިފޫހިފިލުވުމާއި ކުޅިވަރުގެ ސިނާޢަތަށް ވެސް އިންވެސްޓުކުރައްވައި، 1996ވަނަ އަހަރު ޓާނަރ ބްރޯޑްކާސްޓިންގ ސިސްޓަމް ވަނީ މަޝްހޫރު ޓައިމް ވާނާ ކުންފުންޏާ އެއްކޮށްލައްވާފައެވެ.

Advertisement
Ooredoo — Square (box)

ވިޔަފާރީގެ ކާމިޔާބީގެ އިތުރުން ޓާނަރއަކީ އިންސާނިއްޔަތަށާއި ތިމާވެއްޓަށް ނުހަނު ދީލަތި އެހީތަކެއް ވެދެއްވި ބޭފުޅެކެވެ. މިގޮތުން 1997ވަނަ އަހަރު އދ. ގެ ތިމާވެށީގެ ޕްރޮގްރާމްތަކަށް އެއް ބިލިއަން ޑޮލަރު ހަދިޔާކުރެއްވުމަކީ އޭނާގެ ހަޔާތުގައި ކުރެއްވި އެންމެ ފައިދާހުރި އިންވެސްޓްމަންޓް ކަމުގައި އޭނާ ސިފަކުރެއްވިއެވެ. އޭގެ ފަހުން ވެސް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އެކިއެކި ޖަމާޢަތްތަކަށް އޭނާ ވަނީ ބޮޑެތި އެހީތައް ވެދެއްވާފައެވެ.

އެމެރިކާގެ ސިންސިނާޓީއަށް 1938ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޓާނަރއަށް ބިލިއަނަރެއްގެ ދަރަޖަ ލިބިވަޑައިގަތީ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ވާރުތަވި އިޝްތިހާރު ބޯޑު ހަދާ ކުންފުނި ހިންގަވަން ފެއްޓެވި ހިސާބުންނެވެ. އޭނާގެ ޒުވާން ދުވަސްވަރު އަސްކަރީ ސްކޫލަކުން ތަޢުލީމު ހާސިލުކުރައްވައި ބަހުސްކުރުމުގެ ރޮނގުން ކުރިއެރުންތަކެއް ހޯއްދެވި ނަމަވެސް، ބްރައުން ޔުނިވަސިޓީން މަތީ ތަޢުލީމު ފުރިހަމަކުރައްވާފައެއް ނުވެއެވެ. އޭނާ ޓީވީގެ ދާއިރާއަށް ވެންނެވީ 1970ގައި އެޓްލާންޓާގެ އާދައިގެ ސްޓޭޝަނެއް ބައްލަވައިގަތުމަށް ފަހު، ސެޓެލައިޓް ޓެކްނޮލޮޖީ މެދުވެރިކޮށް އެ ސްޓޭޝަން ބޮޑު ކާމިޔާބީއަކަށް ބަދަލުކޮށްލައްވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް