ކުރީގެ ރައީސް ނަޝީދާއި ރައީސް ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި
އެމްޑީޕީގެ އެތެރޭގައި ސިޔާސީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި އިންޑިއާއަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަތީ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ 'އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޮމޭޓިން ވޯލްޑް' ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ހުކުރު ދުވަހު ރައީސް ޞާލިޙް ވެސް ވަނީ އެ ގައުމަށް ވަޑައިގެންފައެވެ. ނަމަވެސް، އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތް ވަކި ޚާއްޞަ މަގުސަދެއް މިހާތަނަށް މީޑިއާއަށް ތިލަކޮށްފައެއް ނުވެއެވެ. މި ދެބޭފުޅުންނަކީ ވެސް އެބޭފުޅުންގެ ވެރިކަމުގައި އިންޑިއާ އެކު ވަރަށް ގާތް ގުޅުމެއް ބޭއްވެވި ދެ ލީޑަރުންނެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، މި ދަތުރުފުޅުތައް ދިމާވެފައި ވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާ ގުޅިގެން ޕާޓީ ދެކަފިވެފައިވާ ވަގުތަކާއެވެ. ޕާޓީގެ ޗެއާޕާސަން ކަމަށް ރައީސް ނަޝީދު ވާދަކުރައްވަން ނިންމަވާފައިވާއިރު، ރައީސް ޞާލިޙްގެ ތާއީދު އޮތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމަށް ކަމަށް ވަނީ މައުލޫމާތު ފެތުރިފައެވެ. ކުރިން ވެސް މި ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ފެކްޝަން އުފެދި، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.