މިހާތަނަށް ރާއްޖޭގެ ވެރިކަންކުރި އެންމެ ހީވާގި، ކުޅަދާނަ ލީޑަރަކީ ރައީސް މުޢިއްޒު: ޒަރީރު
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ޤައުމާ ހަވާލުވި އެންމެ ހީވާގި އަދި އެންމެ ކުޅަދާނަ ލީޑަރަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާ ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަނިކުފާނަކީ ރެޔާއިދުވާލު ވަރުބަލިކަމެއް ނެތި ޤައުމަށްޓަކައި މަސައްކަތްކުރައްވާ ނަމޫނާ ވެރިއެއް ކަމަށެވެ.
"ޤައުމަށްޓަކައި މިހާ ބުރަކޮށް މަސައްކަތް ކުރެއްވި ރައީސަކު އަޅުގަނޑު ވުދަހަކުވެސް ނުދެކެން." މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމަށް ދިމާވެފައިވާ އިޤުތިޞާދީ އަދި އިޖުތިމާޢީ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި، ކަންކަން ނިންމެވުމުގައި ގެންގުޅުއްވާ ސާބިތުކަމަށް އޭނާ ވަނީ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ. ދިވެހި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ރައީސް މުޢިއްޒު ފަދަ މުރާލި އަދި ހިންގުންތެރި ވެރިއެއްގެ މުހިންމުކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.