ސިޔާސީ

ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކުރުމުގެ މަސައްކަތް ފެށުމަށް އަބްދުއްރަޙީމް ގޮވާލައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އއ. ހިމަންދޫ ޕީއެންސީ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވާހަކަ ދައްކަވަނީ / ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފިއެވެ.

Ads by Allied

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ، އއ. ހިމަންދޫ ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މިއަދުން ފެށިގެން ޕާޓީގެ އާންމު މެންބަރުންނަށް މަސައްކަތް ފެށުމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރި، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ވެރިކަން ހިންގަވަމުން ގެންދަވާ ލީޑަރެއްކަން ފާހަގަކުރައްވަމުން، އަބްދުއްރަހީމް ވިދާޅުވީ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ސަރުކާރު ބަނގުރޫޓުވެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެރިކަން ވެއްޓޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ފާއިތުވި އެކާވީސް ދުވަހުގެ ތެރޭގައި އެކަނިވެސް ދައުލަތުގެ ދަރަނީގެ ގޮތުގައި ހުރި އެއް ބިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ސަރުކާރަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒުގެ އަޒުމް ގުޑުވާނުލެވުމުގެ ނަތީޖާއަކީ ސިޔާސީ ގޮތުން ކުރާނެ ކަމެއް ނެތިގެން ޒާތީ ގޮތުން ދިމާކޮށް އަބުރުކަތިލުމަށް މަސައްކަތްކުރުން ކަމަށެވެ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަކީ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް ރައްދުދެއްވުމުގެ ބަދަލުގައި، ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކުން އަމަލީ ނަތީޖާ ދައްކަވާނެ ބޭފުޅެއްކަން މަޖިލީހުގެ ރައީސް ކަށަވަރުކޮށްދެއްވިއެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ ބައިބައިކޮށްލުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

Ads by Allied Insurance