އިންޑިއާގައި ރައީސް ޞާލިޙާ ބައްދަލެއް ނުކުރަން، ފޯނުން މަޝްވަރާކުރިން: ރައީސް ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގައި ހުންނަވައިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާ ސީދާ ބައްދަލުވެވަޑައިނުގަތް ނަމަވެސް، ފޯނުން ގުޅުއްވައި ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ދެބޭފުޅުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ، ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގައި ބޭއްވި ”އިންޑިއަން އޯޝަން ޑަޔަލޮގް 2026“ ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދަތުރުފުޅާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ 23 ޤައުމެއް ބައިވެރިވި މި ފޯރަމަކީ މުޅި ސަރަޙައްދީ މަޞްލަޙަތާ ގުޅޭ ގިނަގުނަ މަޝްވަރާތަކެއް ކުރެވުނު މުހިންމު ފޯރަމެއް ކަމަށެވެ.
ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ކަނޑާލާފައިވާ ޚާރިޖީ ގުޅުން އަލުން އާލާކުރުމަށްޓަކައި ދިވެހި ސަރުކާރާ އެކު މަޝްވަރާކުރަން މޮރިޝަސް ސަރުކާރުން ތައްޔާރަށް އޮތްކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަވަށްޓެރި ޤައުމުތަކާ އެކު ޚާރިޖީ ގުޅުންތައް ކަނޑާލާފައި ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، ނަޝީދު ވަނީ މޮރިޝަސްއިން ފަހިކޮށްދިން މި ފުރުސަތުގެ ބޭނުން ހިފައި، ގުޅުންތައް ރަނގަޅުކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިސްނެގުމަށް ގޮވާލައްވާފައެވެ.