ހިންދު ކަނޑުގެ މަސްވެރިކަން ދެމެހެއްޓުމުގެ އަސާސަކީ އިންސާފާއި އިތުބާރު: ޝިޔާމް
ހިންދު ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ބިނާވެފައި ވަނީ ގައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި އިންސާފުގެ މައްޗަށް ކަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މާލޭގައި ފެށިގެން ކުރިއަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 30ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކަނޑުފަޅު ހިމާޔަތްކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިފަދަ ބައިނަލްއަޤްވާމީ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ސަރަޙައްދީ ގުޅުންތަކަށް ސަރުކާރުން ދޭ ސަމާލުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މި މުހިންމު ސެޝަން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ޝިޔާމް ވަނީ އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ސެޝަންގައި އެންމެ ބޮޑަށް އަލިއަޅުވާލެވޭނެ އެއް މައުޟޫޢަކީ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ދަށްވަމުންދާތީ އެކަން ޙައްލުކުރުމާ ގުޅޭގޮތުންނެވެ. މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ، 2016ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ލޭނު މަސްވެރިކަން ހުއްޓާލުން ފަދަ އުނދަގޫ، ނަމަވެސް ނުހަނު މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް މިއީ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭ ކަމެއް ނަމަވެސް، މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި މި ޒިންމާ އުފުލުމަށް ދިވެހި ސަރުކާރުން މި ޤުރުބާނީ ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަންކަން ކުރުމަކީ ދިވެހިންނަށް އައު ކަމެއް ނޫންކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެ ވާހަކަ ދެކެވެން ފެށުމުގެ މާ ކުރިންވެސް ރާއްޖޭގެ ކާބަފައިން ވަނީ އެ ނަމޫނާ ދައްކާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. ދިވެހިން ކުރާ ދޮށީގެ މަސްވެރިކަމަކީ ކަނޑުގެ ދިރުންތަކަށް ގެއްލުން ކުޑަ، އަދި އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަން ބަޔާންކުރެއްވިއެވެ. މޫސުން ކިތަންމެ ގޯސްވި ނަމަވެސް، ރާއްޖޭގެ ހިތްވަރުގަދަ މަސްވެރިން ކަނޑުމައްޗަށް ނުކުމެ ކުރާ ބުރަ މަސައްކަތުން، އައިއޯޓީސީގެ ނިންމުންތައް އާންމު ރައްޔިތުންނާ ގުޅިފައިވާ މިންވަރު ސާފުކޮށް ހާމަވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ ކާބޯތަކެތީގެ ޔަޤީންކަމާއި މުޖުތަމަޢުތަކުގެ ފޯރުންތެރިކަމާ ސީދާ ގުޅިފައިވާ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން، ކުދި ފަންތީގައި ޒިންމާދާރުކަމާ އެކު މަސްވެރިކަންކުރާ ފަރާތްތަކުގެ އަޑުއަހައި، އެންމެން ގުޅިގެން އިންސާފުވެރިކަމާ އެކު ހިންދު ކަނޑުގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.