ގަލްފުގެ ނުތަނަވަސްކަމުގެ ތެރެއިން މޯދީ ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި ދިފާއީ އަދި ހަކަތައިގެ ގުޅުމަށް އިސްކަންދެއްވަނީ
2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވާ 8 ވަނަ ރަސްމީ ދަތުރުފުޅު މެއި 15 ވަނަ ދުވަހު ފައްޓަވައިފިއެވެ. ގަލްފު ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި ކުރައްވާ މި ދަތުރުފުޅުން، އަބޫދާބީއާއެކު އިންޑިއާއިން ބާއްވާ ދިފާއީ އަދި ހަކަތައިގެ ގުޅުމަށް ނިއުދިއްލީން ދޭ ޚާއްސަ އަހަންމިއްޔަތުކަން ހާމަވެގެންދެއެވެ.
މިއީ މޯދީ ފަސް ގައުމަކަށް ކުރައްވާ ޑިޕްލޮމެޓިކް ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ޔޫއޭއީގެ އިތުރުން ނެދަލޭންޑްސް، ސްވިޑަން، ނޯވޭ އަދި އިޓަލީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މޯދީގެ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ ދިފާއީ އެއްބާރުލުމާއި، ހަކަތައިގެ ރައްކާތެރިކަމާއި، ކަނޑުމަތީގެ ސަލާމަތުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމުގެ މައްޗަށެވެ.
އިންޑިއާގެ އެންމެ މުހިންމު އެއް ސްޓްރެޓީޖިކް ބައިވެރިޔާ ކަމުގައިވާ ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާއެކު މޯދީ މަތީ ފަންތީގެ މަޝްވަރާތައް ބާއްވަވާނެއެވެ.
މި ދަތުރުފުޅުގެ ވަގުތަކީ ވަރަށް މުހިންމު ވަގުތެކެވެ. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކާއި، ކަނޑުދަތުރުފަތުރަށް ހުރި ނުރައްކާތަކުގެ ސަބަބުން ގަލްފު ސަރަހައްދަށް ވަނީ ޖީއޯޕޮލިޓިކަލް ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ޚާއްސަކޮށް، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރާފާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އިންޑިއާއަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 80 އިންސައްތައަށްވުރެ ގިނަ އަދަދެއް އެތެރެކުރާއިރު، ޔޫއޭއީ ވެފައިވަނީ ހަމައެކަނި ތެޔޮ ފޯރުކޮށްދޭ ގައުމަކަށް ނޫނެވެ. އެއީ ހުޅަނގު އޭޝިއާގައި އިންޑިއާގެ މުހިންމު ސްޓްރެޓީޖިކް އަދި ސަލާމަތީ ބައިވެރިއެކެވެ. މާހިރުން ލަފާކުރައްވާ ގޮތުގައި މި ދަތުރުފުޅުގައި އިގްތިސާދީ އަދި ވިޔަފާރީގެ މަގުތައް ހިމާޔަތްކުރުމަށްޓަކައި، ހަކަތަ ކަށަވަރުކުރުމާއި ދިފާއީ ގުޅުންތަކަށް އިސްކަންދޭނެއެވެ.
މިގޮތުން، ދިގު މުއްދަތުގެ އެލްއެންޖީ ކޮންޓްރެކްޓްތަކާއި، ތެޔޮ ފޯރުކޮށްދިނުމުގެ ޔަގީންކަމާއި، އިންވެސްޓްމަންޓްތަކުގެ އިތުރުން ލޮޖިސްޓިކްސްގެ އެހެން ގޮތްތަކާމެދު އިގްތިސާދީ މަޝްވަރާތަކުގައި ވާހަކަދެކެވޭނެއެވެ. ޔޫއޭއީއަކީ މިހާރުވެސް އިންޑިއާއަށް އެންމެ ގިނައިން ސާފުނުކުރާ ތެލާއި، އެލްޕީޖީ އަދި އެލްއެންޖީ ފޯރުކޮށްދޭ އެއް ގައުމެވެ. އަދި އިންޑިއާގެ ބޮޑެތި އިންވެސްޓްމަންޓްތައްވެސް އެ ގައުމުގައި އެބަހުއްޓެވެ.
ހަމައެއާއެކު، ދެ ގައުމުގެ ދިފާއީ ގުޅުންތައް ދަނީ އާ މަރުހަލާއަކަށް ފުޅާވަމުންނެވެ. މި އަހަރުގެ ކުރީކޮޅު ސޮއިކުރެވުނު ލެޓަރ އޮފް އިންޓެންޓްއަކާ ގުޅިގެން، ސްޓްރެޓީޖިކް ޑިފެންސް ޕާޓްނަރޝިޕް އޮނިގަނޑެއްގެ މަޝްވަރާތައް އިންޑިއާއާއި ޔޫއޭއީން ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ. މި އެއްބަސްވުމުގެ ދަށުން ދިފާއީ އުފެއްދުންތަކާއި، ސައިބަރ ސެކިއުރިޓީ، ކަނޑުމަތީގެ ސަލާމަތް، އިންޓެލިޖެންސް ހިއްސާކުރުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން އަދި ޚާއްސަ އޮޕަރޭޝަންތައް ހިމެނޭނެއެވެ.
މި ގުޅުން ބަދަހިވަމުން ދަނީ ސަރަހައްދީ ނުތަނަވަސްކަމާއި، ކަނޑުމަތީގެ ނުރައްކާތަކާއި ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާ މެދު ދެ ގައުމުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ޔޫއޭއީ އޮންނަ ސްޓްރެޓީޖިކް މުހިންމު ސަރަހައްދުގެ ސަބަބުން، ދުނިޔޭގެ މުހިންމު ހަކަތައާއި ދަތުރުފަތުރުގެ މަގުތަކާ ކައިރިން އިންޑިއާއަށް ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ލިބެއެވެ.
އޮފިޝަލުންނާއި މާހިރުން ވިދާޅުވާ ގޮތުގައި، މޯދީ ޔޫއޭއީގެ ވެރިންނާއެކު ތަކުރާރުކޮށް ބާއްވަވާ ބައްދަލުވުންތަކުން ދައްކުވައިދެނީ، ގަލްފުގައި ނިއުދިއްލީގެ ދިގު މުއްދަތުގެ ސްޓްރެޓީޖިކް ބައިވެރިވުން ހަރުދަނާކުރުމަށް އޮތް އަޒުމެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާއާއި ޔޫއޭއީގެ ގުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން ހަމައެކަނި ތެލާއި ފައިސާ ފޮނުވުމަށް ބިނާވެފައި އޮތް ގުޅުން، މިހާރު ވަނީ ދިފާއީ، ފިންޓެކް، އިއާދަކުރަނިވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، އާޓިފިޝަލް އިންޓެލިޖެންސް، ލޮޖިސްޓިކްސް، އުމްރާނީ ތަރައްގީ އަދި ޑިޖިޓަލް ޕޭމަންޓްސް ހިމެނޭހެން ފުރިހަމަ ސްޓްރެޓީޖިކް ގުޅުމަކަށް ބަދަލުވެފައެވެ.
ޔޫއޭއީއަކީ މިހާރު އިންޑިއާގެ ތިންވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އަދި 2022 ވަނަ އަހަރު ސޮއިކުރެވުނު ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމެންޓް (ސީއީޕީއޭ) ގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އަމިއްލަ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ދެ ގައުމުންވެސް ދަނީ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން، އިންޑިއާގެ ރައްޔިތުން ޔޫއޭއީގައި ދިރިއުޅޭ މިންވަރަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ޔޫއޭއީގައި އިންޑިއާގެ 4.5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، މިއީ ގައުމުން ބޭރުގައި އިންޑިއާގެ ރައްޔިތުން އެންމެ ގިނައިން އުޅޭ ގައުމެވެ. އެމީހުންގެ ވިޔަފާރިތަކާއި މަސައްކަތްތަކަކީ ދެ ގައުމުގެ އިގްތިސާދު ގުޅުވައިދޭ މުހިންމު ފާލަމެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ މަސައްކަތްތެރިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
2015 އިން ފެށިގެން މޯދީއާއި ޝެއިޚް މުޙައްމަދު ވަނީ ސިޔާސީ ގޮތުން ވަރަށް ގާތް ގުޅުމެއް ގާއިމުކުރައްވާފައެވެ. މީގެ ސަބަބުން ދެކުނު އޭޝިއާއިން ބޭރުން އިންޑިއާއާ އެންމެ ގާތް އެއް ގައުމަށް ޔޫއޭއީ ވަނީ ވެފައެވެ. ޔޫއޭއީއަށް ބަލާއިރު، އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަކީ ހުޅަނގުގެ ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކާއެކު އިގްތިސާދީ އަދި ޖީއޯޕޮލިޓިކަލް ގުޅުންތައް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތާ ގުޅޭ ކަމެކެވެ. އަދި އިންޑިއާއަށް މިއީ ހަކަތައިގެ ރައްކާތެރިކަމާއި، އިންވެސްޓްމަންޓް ކެޕިޓަލް އަދި ދިފާއީ އެއްބާރުލުން ހޯދުމަށް މުހިންމު ގުޅުމެކެވެ.
އެހެންކަމުން، ސަރަހައްދީ ހަމަނުޖެހުންތަކާއި ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި މޯދީ ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ ހަމައެކަނި އާދައިގެ ޑިޕްލޮމެޓިކް ދަތުރުފުޅެއް ނޫނެވެ. މިއީ މެދުއިރުމަތީގައި އިންޑިއާގެ ދިގު މުއްދަތުގެ އިގްތިސާދީ އަދި ސަލާމަތީ އޮނިގަނޑު ބައްޓަންކުރުމުގެ ބޮޑު ސްޓްރެޓީޖިކް ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
މި މައުލޫމާތުތައް ގެނެސްދީފައިވަނީ ޔޫއޭއީގެ ނޫސްވެރިކަމުގެ ދާއިރާގައި 45 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި، ޚަލީޖް ޓައިމްސްގެ މެނޭޖިންގ އެޑިޓަރ އަދި އިގްތިސާދީ އެނަލިސްޓް އައިސެކް ޖޯން ލިޔުއްވާފައިވާ ރިޕޯޓަކަށް ބިނާކޮށެވެ.