ޕާކިސްތާނުގެ ތަޢުލީމީ ނިޒާމުން ބޭރުވެފައިވާ 25 މިލިއަން ކުދިންގެ މައްސަލައަށް އައު ހައްލެއް
ޕާކިސްތާނުގައި ފަސް އަހަރާއި ސޯޅަ އަހަރާ ދެމެދުގެ 25 މިލިއަން ކުދިން ސްކޫލަށް ނުދެއެވެ. މިއީ މީޑިއާތަކުގެ ފަލަސުރުޚީތަކުން މަދުން ނޫނީ ނުފެންނަ، ނަމަވެސް އެ ޤައުމަށް ލިބިފައިވާ ވަރަށް ފުން ޒަޚަމެކެވެ. މިއީ ގާތްގަނޑަކަށް އޮސްޓްރޭލިޔާގެ މުޅި އާބާދީއާ އެއްވަރުގެ ޢަދަދެކެވެ. ފަޤީރުކަމުން ސަލާމަތްވުމަށް އޮތް ހަރުފަތް ކަމަށްވާ ތަޢުލީމީ ނިޒާމުގެ ދޮރޯށިން ބޭރުގައި މިހާ ގިނަ ކުދިން އެބަތިއްބެވެ.
މި ޢަދަދުތަކަކީ އެތައް އަހަރެއް ވަންދެން ސިޔާސަތުތައް އެކުލަވާލާ ލިޔުންތަކުގައާއި، އެހީދޭ ފަރާތްތަކުގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް ދެކެވެމުންދާ ވާހަކައެކެވެ. އެހެންނަމަވެސް މި ޢަދަދަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، ސްކޫލަށް ނުދާ ކުދިންގެ ޢަދަދު އެނގުމާއި، އެކުދިން ދިރިއުޅޭ ސަރަޙައްދުތަކާއި އެކުދިންނާ ހަމައަށް ވާސިލުނުވެވޭ ސަބަބު ދެނެގަތުމަކީ މުޅިން ތަފާތު ދެ ކަމަކަށް ވުމެވެ.
2026 ވަނަ އަހަރުގެ މާރިޗު މަހު ވޯލްޑް ބޭންކުން ޝާއިޢުކުރި ވޯކިންގ ޕޭޕަރެއްގެ ސަބަބުން މި މައްސަލައަށް ބޮޑު ކުރިއެރުމެއް ލިބި، ޕްރޮވިންސްތަކުގެ ސަރުކާރުތަކާއި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާތަކުގެ (އެންޖީއޯތަކުގެ) މަސައްކަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ސެޓެލައިޓް މަންޒަރުތަކާއި، މެޝިން ލަރނިންގ އާއި، ސަރުކާރުގެ ސްކޫލްތަކުގެ ބޯހިމެނުމުގެ މަޢުލޫމާތުގެ އިތުރުން ޕްރައިވެޓް ސްކޫލްތަކުގެ ލޮކޭޝަން ޑޭޓާ ބޭނުންކޮށްގެން، ދިރާސާކުރާ ފަރާތްތަކުން ވަނީ ޕާކިސްތާނުގެ މައިގަނޑު 4 ޕްރޮވިންސްގެ ތަޢުލީމީ މަންޒަރު ވަރަށް ތަފްސީލުކޮށް ކުރަހައިދީފައެވެ. ސީދާކޮށް ބުނާނަމަ، މިއީ ޤައުމީ ފެންވަރެއްގައި ސްކޫލަށް ނުދާ ކުދިންނާ ގުޅޭގޮތުން ލިބުނު އެންމެ ބޭނުންތެރި މަޢުލޫމާތެވެ.
ސްކޫލަށް ނުދިއުމާއި ފަޤީރުކަމުގައި ދެމިތިބުމާ ދެމެދު އޮތް ގުޅުމަކީ ވަރަށް ސާފު ގުޅުމެކެވެ. ކިޔަވަން ނުދަންނަ ކުއްޖަކަށް ވަޒީފާއަކަށް އެދި ފޯމެއް ނުފުރޭނެއެވެ. ގޭގައި ބައިންދާފައި އިންނަ އަންހެން ކުއްޖަކީ މުޖުތަމަޢަށް ބޭނުންވާ ނަރުހަކަށް ނުވަތަ ވިޔަފާރިވެރިޔަކަށް ނުވާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސްކޫލްގައި ހޭދަކުރާ ކޮންމެ އިތުރު އަހަރަކީ އާމްދަނީ އިތުރުކޮށްދޭ ކަމެކެވެ. މިއީ މުޅި އާއިލާއަށާއި އަންނަން އޮތް ޖީލުތަކަށް އޭގެ ހެޔޮ ބަދަލު ފޯރާނެ ކަމެކެވެ.
ސްކޫލަށް ނުދާ ކުދިންގެ މައްސަލައަކީ ހަމައެކަނި އިޖުތިމާޢީ މައްސަލައެއް ނޫނެވެ. އެއީ ޕާކިސްތާނުގެ އިޤުތިޞާދަށް އަމިއްލައަށް ދީފައިވާ ގެއްލުމެކެވެ. މިކަމުގެ ސަބަބުން ފަޤީރުކަމާއި ނުކިޔަވާތިބުމުގެ ނިމުމެއްނެތް ބޮޅެއްގެ ތެރޭގައި އާއިލާތައް ތާށިވެއެވެ. މުޅި ޤައުމުގެ އެވްރެޖްތަކުގެ ފަހަތުގައި ވަންހަނާވެފައިވަނީ ވަރަށް ހިތްދަތި ޙަޤީޤަތްތަކެކެވެ. ބަލޫޗިސްތާނުގައި ސްކޫލަށް ދާ އުމުރުގެ ކުދިންގެ 64 އިންސައްތަ ކުދިން ސްކޫލަށް ނުދާއިރު، ސިންދު ޕްރޮވިންސްގައި މި ޢަދަދު އުޅެނީ 47 އިންސައްތައިގައެވެ. ނަމަވެސް މި ޕްރޮވިންސްތަކުގެ ތެރޭގައިވެސް މި މައްސަލަ އޮތް މިންވަރު ތަފާތެވެ. އަދި ރޭވުންތެރިންނަށް މިހާތަނަށް މަދުވެފައިވަނީ މި ތަފާތުތައް ދެނެގަނެވޭނެ މަޢުލޫމާތެވެ.
ވޯލްޑް ބޭންކުގެ ކަރުދާހުގައި ޕްރޮވިންސްތަކުގެ ތަޢުލީމީ އިދާރާތަކާއި އެންޖީއޯތަކުން ބޭނުންކުރުން މުހިންމު ތިން ޚިޔާލެއް ހުށަހަޅާފައިވެއެވެ. ފުރަތަމަ ކަމަކީ 'އެކްސެސިބިލިޓީ' ނުވަތަ ވާސިލުވެވޭނެ މިންވަރެވެ. މިއީ ހަމައެކަނި ކައިރީގައި ސްކޫލެއް ހުރުމެއް ނޫނެވެ. އެއީ ދުރުމިނާއި، ސަރަޙައްދުގެ ގޮތްގަނޑާއި، އާބާދީއާ އަޅާބަލާއިރު ސްކޫލުން ޖާގަ ލިބެން އޮތް މިންވަރަށް ބަލައި، ޙަޤީޤަތުގައިވެސް ކުދިންނަށް ސްކޫލަށް ދެވޭނެތޯ ބެލުމެވެ.
މި ދިރާސާގައި ޤައުމުގެ ކޮންމެ އަކަ ކިލޯމީޓަރަކަށް 'އެކްސެސިބިލިޓީ އިންޑެކްސް' އެއް ކަނޑައަޅާފައިވެއެވެ. މުޅި ޤައުމަށް ބަލާއިރު ފަސޭހައިން ސްކޫލަށް ދެވޭ ސަރަޙައްދުތަކުގައި ދިރިއުޅެނީ ސްކޫލަށްދާ އުމުރުގެ ކުދިންގެ 51 އިންސައްތައެވެ. އަދި ބަލޫޗިސްތާނުގައި މި ޢަދަދު ވަނީ 40 އިންސައްތައަށް ވެއްޓިފައެވެ. ދުރު ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެން ކުދިންނާއި އާމްދަނީ މަދު އާއިލާތަކުގެ ކުދިންނަށް، ދުރު ރާސްތާއަކަށް ދަތުރުކުރަން ޖެހުމަކީ ހަމައެކަނި ދަތިކަމެއް ނޫނެވެ. އެއީ ސްކޫލަށް ނުދިއުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. މި މަޢުލޫމާތުގެ އަލީގައި ދަތުރުފަތުރުގެ ސަބްސިޑީއާއި، އަންހެން ކުދިންގެ ހޮސްޓެލްތަކާއި، ސެޓެލައިޓް ސްކޫލްތައް ޤާއިމުކުރަންވީ ސަރަޙައްދުތައް ލަފާކުރުމުގެ ބަދަލުގައި ސީދާ އަމާޒަށް ސަރުކާރުތަކަށް މަސައްކަތްކުރެވޭނެއެވެ.
ދެވަނަ ކަމަކީ ދިރާސާކުރާ ފަރާތްތަކުން ނަންދީފައިވާ ގޮތުންނަމަ 'ވައިޓްސްޕޭސް' އެވެ. މިއީ ގާތްގަނޑަކަށް 1،500 މީހުންގެ އާބާދީއެއް އޮވެ، އެއްވެސް ސްކޫލެއް ނެތް ސަރަޙައްދުތަކެވެ. މުޅި ޤައުމުގެ އާބާދީގެ ބްލޮކްތަކުގެ ތެރެއިން 37 އިންސައްތަ ސަރަޙައްދުގައި އެއްވެސް ސްކޫލެއް ނެތެވެ. މިއީ ކިޔަވާނެ ކުދިން ނެތް ސަރަޙައްދުތަކެއް ނޫނެވެ. މިއީ ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމެއް ނެތް ސަރަޙައްދުތަކެވެ. މުޖުތަމަޢުގެ ސްކޫލްތައް ބިނާކުރާނެ ނުވަތަ އަމިއްލަ ފަރާތްތަކަށް އެހީތެރިވާނެ ތަންތަން ކަނޑައެޅުމަށް އެންޖީއޯތަކަށް މި 'ވައިޓްސްޕޭސް' ޗާޓަކީ ވަރަށް އަގުހުރި އެއްޗަކަށް ވާނެއެވެ.
ތިންވަނަ ކަމަކީ 'ކެޗްމަންޓް އޭރިއާ އެނަލިސިސް' އެވެ. މީގެން ދައްކައިދެނީ ކޮން މުޖުތަމަޢަކަށް ޚިދުމަތްދެނީ ކޮން ސްކޫލަކުން ކަމާއި، ސްކޫލަކަށް ގެއްލުންވުމުން ނުވަތަ ބަންދުކުރުމުން އަންނަ ބަދަލުތަކެވެ. 2022 ވަނަ އަހަރުގެ ފެންބޮޑުވުމުގެ ކާރިސާއާ ގުޅުވައިގެން މި ކަރުދާހުގައި ހާމަކޮށްފައިވާ ކަންކަން ވަރަށް ފާހަގަކޮށްލެވެއެވެ. އެ ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 3.5 މިލިއަން ކުދިންގެ ތަޢުލީމަށް ހުރަސްއެޅުނުކަމަށް މި ދިރާސާއިން ލަފާކުރެއެވެ. މިއީ ސަރުކާރުން ފުރަތަމަ އަންދާޒާކުރި 2.6 މިލިއަނަށްވުރެ މާ މަތީ ޢަދަދެކެވެ. ސަބަބަކީ ސަރުކާރުގެ އަންދާޒާގައި ޕްރައިވެޓް ސްކޫލްތައް އެއްކޮށް އުނިކޮށްފައިވުމެވެ. ޚައިރްޕޫރް މީރްސް، ޖެކޮބްއާބާދު އަދި ނައުޝެރޯ ފެރޯޒް ފަދަ ޑިސްޓްރިކްޓްތަކުގައި ކައިރީގައި ސްކޫލެއް ނެތް ކުދިންގެ ނިސްބަތް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. އެގޮތުން ޚައިރްޕޫރް މީރްސްގައި 45 އިންސައްތަ، ޖެކޮބްއާބާދުގައި 31 އިންސައްތަ އަދި ނައުޝެރޯ ފެރޯޒްގައި 28 އިންސައްތަ އިތުރުވެފައިވާއިރު، މިއީ ކުއްލިއަކަށް މުޅި މުޖުތަމަޢުތައް ތަޢުލީމާ ވަކިވެގެންދިޔަ ކަމެކެވެ.
މިހާރު ޕްރޮވިންސްތަކުގެ ތަޢުލީމީ އިދާރާތަކަށް، ސްކޫލަށް ނުދާ ކުދިންގެ މައްސަލައަކީ ޖުމްލަ މައްސަލައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ޖިއޯގްރަފިކް މައްސަލައެއްގެ ގޮތުގައި ބެލުމުގެ ޤާބިލުކަން ފުރަތަމަ ފަހަރަށް ވަނީ ލިބިފައެވެ. މި މަޢުލޫމާތުގެ އެހީގައި ސިންދު ޕްރޮވިންސްގެ ޑިސްޓްރިކްޓް އެޑިޔުކޭޝަން އޮފިސަރަކަށް، އެންމެ ގިނައިން ސްކޫލަށް ނުދާ ކުދިން ތިބީ ކޮން ޔޫނިއަން ކައުންސިލްތަކެއްގައިކަމާއި، އެކަށީގެންވާ ދުރުމިނެއްގައި ސްކޫލެއް ނެތީ ކޮން ސަރަޙައްދުތަކެއްގައިކަން ދެނެގަނެވޭނެއެވެ. އަދި އައު އިމާރާތެއް އެޅުމުގެ ބަދަލުގައި ފީ މާފުކޮށްދިނުން ނުވަތަ ފައިސާގެ އެހީ ދިނުން ފަދަ ކަންކަމުން ފައިދާކުރާނެ ސަރަޙައްދުތައްވެސް އެނގިގެންދާނެއެވެ.
ކުދިން ސްކޫލަށް ވެއްދުމަށް މަސައްކަތްކުރާ އެންޖީއޯތަކަށްވެސް މި ދިރާސާއިން މަސައްކަތް ފަށަންވީ ނުގުތާތައް ދައްކައިދެއެވެ. މީގައި އަމިއްލަ ފަރާތްތަކުގެ ދައުރުވެސް އެބައޮތެވެ. ޤައުމީ ފެންވަރުގައި ސްކޫލަށްދާ ކުދިންގެ 49 އިންސައްތަ ކުދިންނަށް ކިޔަވައިދެނީ ޕްރައިވެޓް ސްކޫލްތަކުންކަން މި ކަރުދާހުން ހާމަވެއެވެ. މިއީ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ވަރަށްވުރެ މާ މަތީ ޢަދަދެކެވެ. ޕްރައިވެޓް ސްކޫލްތައް ނެތީ ކޮން ސަރަޙައްދުތަކެއްގައި ކަމާއި، އެއީ ކީއްވެގެންކަން ދެނެގަތުމަކީ މުހިންމު ސުވާލެކެވެ.
ޕާކިސްތާނުގައި ތަޢުލީމަށް ދޭ އަހަންމިއްޔަތުކަން ކުޑައެއް ނޫނެވެ. މަދުވަނީ ސީދާ އަމާޒަށް މަސައްކަތްކުރުމެވެ. މި ދިރާސާއިން އެކަމަށް މަގުފަހިކޮށްދެއެވެ. މިހާރު އުފެދޭ ސުވާލަކީ ޕްރޮވިންސްތަކުގެ ސަރުކާރުތަކުން އެމީހުންގެ އަހަރީ ރޭވުންތަކުގައި ސެޓެލައިޓުން ލިބިފައިވާ ހެކިތައް ބޭނުންކުރުމުގެ ޝައުޤުވެރިކަން ހުރިތޯއާއި، އެންޖީއޯތަކާއި އެހީދޭ ފަރާތްތަކުން މި ޗާޓުތަކުން ދައްކައިދޭ ސަރަޙައްދުތަކަށް ވަސީލަތްތައް އަމާޒުކުރުމުގެ ތެދުވެރިކަން ހުރިތޯއެވެ.
ފަންސަވީސް މިލިއަން ކުދިންނަކީ ހަމައެކަނި ޚިޔާލީ ޢަދަދެއް ނޫނެވެ. އެކުދިން ތިބީ ވަކި ޚާއްޞަ އަވަށްތަކެއްގައި، ވަކި މަގުތަކެއްގައި އަދި ވަކި ގޭބިސީތަކެއްގައެވެ. އޭގެ ތެރެއިން ގިނަ ކުދިން ދިރިއުޅެނީ، އެކުދިންގެ ދިރިއުޅުން ބަދަލުކޮށްލެވޭނެ ފަދަ މަގާމުތަކުގައި ތިބި މީހުންގެ އޮފީސްތަކާ އެއް ދުވަހުގެ ދަތުރަކަށްވުރެވެސް ކައިރީގައެވެ. މިހާރު އަޅުގަނޑުމެންގެ އަތުގައި ޗާޓު އެބައޮތެވެ. ދެން މިކަމުގައި އަމަލުކުރާނެ ގޮތެއް އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ.
މި ލިޔުމަކީ ހާވަރޑް ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ދަރިވަރަކު ލިޔެފައިވާ ލިޔުމެކެވެ.